ގުޅީފަޅުގެ ފެނާއި ނަރުދަމާ އާއި ކަރަންޓުގެ މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ހަވާލު ކުރާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ”ހިޔާ ފައިނޭންސް ސްކީމް“ އިފްތިތާހު ކުރުމަށް އިއްޔެ ބޭއްވި ރަސްމިއްޔާތުގައެވެ.
ރައީީސް ވިދާޅުވީ ”ބިންވެރިޔާ“ ސްކީމްގެ ދަށުން ކުރީ ސަރުކާރުން ދިން ގޯތިތައް މި ސަރުކާރުން ދޫކުރަމުންދާ ކަމަށާއި، އެގޮތުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ހުރި ހުރިހާ ގޯތިތައް މިހާރު ހަވާލުކޮށް ނިމިފައިވާ ކަމަށެވެ.
”ފޭސް 3 އެއީ، ހިއްކަމުންދާތަންވީމަ، ހިއްކައި ނިމުނީމާ ހަވާލުކުރާނަން. އެކަންވެސް އެދަނީ ބާރަށް. އެހެންވީމާ، ހުޅުމާލޭގައި އެއޮތީ ބިން އޮތްވަރަކުން ހަވާލުކޮށް ނިމިފައި.“ ރައީީސް މުއިއްޒު ވިދާޅުވިއެވެ.
ރައީީސް ވިދާޅުވީ ގުޅީފަޅާއި ގިރާވަރުފަޅު ހިއްކުމުގެ މަސައްކަތް ކުރިއަށްދާ ކަމަށާއި، ވަރަށް އަވަހަށް އެ ދެތަނުގެ ނުހިކި އޮތް ބައި ހިއްކާނެ ކަމަށެވެ.
އޭގެ ތެރެއިން ބޮޑަށް ފުންކޮށް އޮތް ގުޅީފަޅުގެ ސަރަހައްދު ހިއްކުމަށް ބަޔަކާ ހަވާލުކުރައްވާނެ ކަމަށް ވެސް ރައީީސް ވިދާޅުވިއެވެ.
”ދެން ގިރާވަރުފަޅު ހިއްކުން. އެހެންވީމާ، މި ދެ ތަންވެސް ހިކުނުހާ އަވަހަކަށް، ގޯތީގެ ރަޖިސްޓްރީ ހަވާލުކުރާނަން. ޤާނޫނު އޮންނަގޮތުން، ބިމެއް ނެތް ތަނަކުން ރަޖިސްޓްރީއެއް ނުދެވޭނެ. އެހެންނަމަވެސް، އަޅުގަނޑުމެން މިހާރުވެސް ކޯޑިނޭޓް ޖަހާފައި، ހަމަ އެމީހާގެ އަޞްލު ގޯތި އޮތްތަން، ކޯޑިނޭޓުން ފާހަގަކޮށްފައި، ކޯޑިނޭޓްތައް ހިމެނޭ ޑޮކިއުމެންޓެއް އެބަ ދޫކުރަން. ގުޅީފަޅުން އެ ޑޮކިއުމެންޓް ވަރަށް އަވަހަށް ކުރިއަށް އޮތް ދެތިންމަސް ތެރޭގައި ހަވާލުކުރާނަން. އަދި ގިރާވަރުފަޅުގެވެސް، ކޯޑިނޭޓަޑް ޑޮކިއުމެންޓް ހަވާލުކުރާނަން.“
ރައީސް ވިދާޅުވީ، އޭރުން ގޯތި ލިބޭނެ ކަމުގެ ޔަގީންކަން ލިބިގެންދާނެ ކަމަށާއި، ނަމަވެސް އެކަން ރަޖިސްޓްރީ ލެވެލްއަށް އަޕްގްރޭޑް ވާނީ، ބިން އުފެދުމުން ކަމަށެވެ.
”ގުޅީފަޅުގެ އިންފްރާސްޓްރަކްޗަރ ގާއިމުކުރުން. އެކަންވެސް، މި ދެންނެވީ މަގުހެދުން، ފެނާއި ނަރުދަމާއާއި ކަރަންޓްގެ މަސައްކަތް އިރާދަކުރެއްވިއްޔާ، ވަރަށް އަވަހަށް ބަޔަކާ ހަވާލުކުރެވޭނެ. މިހެންގޮސް ހުރިހާ ކަންތައްތައްވެސް ދާނީ އެގޮތަށް. “ ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނުގެ ސަރުކާރުން ހިންގަވަން އުޅުއްވާ ރަސްމާލެ މަޝްރޫއު ވެސް ކުރިއަށް ގެންދާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
އެގޮތުން އެ މަޝްރޫއުގެ ”ޗެލެންޖްތަކުން“ އަރައިގަނެ، ވަރަށް އަވަހަށް އެ ޕްލޭނާ އެއްގޮތަށް އެކަން ނިންމާނެ ކަމަށް ރައީސް ވިދާޅުވިއެވެ.