ސިޔާސީ އޮއިވަރާއި އެއްގޮތަށް ގައުމުގެ ތަރައްގީގެ ޕްލޭން ބަދަލުވާނަމަ، ރައްޔިތުންނަށް އެންމެ ހެޔޮ ގޮތެއް ނުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ކުރިއަށް އޮތް 20 އަހަރަށް ރާއްޖޭގެ ތަރައްގީގެ ތަސައްވުރު ކަނޑައަޅާ ގައުމީ ތަރައްގީގެ ޕްލޭންގެ މަޝްވަރާގެ މަރުހަލާ އިފްތިތާހު ކުރުމަށް ބޭއްވި ހާއްސަ ރަސްމިއްޔާތުގައި ރައީސް މުއިއްޒު މިއަދު ވިދާޅުވީ، ތަރައްގީގެ ޕްލޭން ވާން ޖެހޭނީ ރައްޔިތުން ބޭނުންވާ ގޮތަށް އޮންނަ އެއްޗަކަށް ކަމަށެވެ. އަދި ސިޔާސީ އޮއިވަރާއެކު، އަބަދު އެއަށް ބަދަލު އައުމަކީ ރައްޔިތުންނަށް އެންމެ ހެޔޮ ގޮތް ނޫން ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

އޭގެ ބަދަލުގަ، ރައްޔިތުން ކަނޑައަޅާފަ އޮންނަ މަގަކުން، ދާން ބޭނުންވާ މިސްރާބަށް ދެވޭ ގޮތަށް، ކަންތައްތައް ބައްޓަން ކުރެވެޖިއްޔާ، އެންމެ ރަނގަޅަށް ރައްޔިތުންނަށް ފައިދާ ވާނީ.“ ރައީސް ވިދާޅުވިއެވެ.
ގައުމީ ތަރައްގީގެ ޕްލޭނާއެކުގައި، އެއާ ގުޅޭ ގާނޫނެއް އެކުލަވައިލުމުގެ މަސައްކަތް ވެސް ކުރިއަށް ގެންދަވާނެކަން މިއަދު ވެސް ރައީީސް ފާހަގަކުރެއްވިއެވެ.
ރައީސް މުއިއްޒު ވިދާޅުވީ، މި ގާނޫނަކީ ގާނޫނު އަސާސީ ރިކަގްނައިޒް ކުރާ ކަމަކަށް ހެދުމަށް ގާނޫނު އަސާސީއަށް ވެސް އިސްލާހެއް ގެންނާނެ ކަމަށެވެ.
”ބޭނުމަކީ އަޅުގަނޑުމެންގެ ރައްޔިތުން، އެންމެން އެކުވެގެން ނިންމާ ގޮތަށް ގައުމުގެ ކަންކަން ދާނެކަން ޔަގީން ކުރުން.“ ރައީީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ތަރައްގީގެ ޕްލޭނަށް ސިޔާސީ ގޮތުން ބަދަލު ގެނެވޭނެ އިން ވެސް އޭގައި ކަނޑައެޅިފައި އޮންނާނެ ކަމަށާއި، ނަމަވެސް މައިގަނޑު ގޮތެއްގައި ކަންކަން ބައްޓަން ވެގެންދާނީ ރައްޔިތުން އެދޭ ގޮތަށް ކަމަށެވެ.
ރައީސް އިތުރަށް ވިދާޅުވީ، ގައުމީ ތަރައްގީގެ ޕްލޭނަށް ސިޔާސީ ޕާޓީތަކުގެ ހިޔާލު ވެސް ބޭނުންވާ ކަމަށާއި، މިއީ ސިޔާސީ ކަމެއް ނޫން ކަމަށެވެ. އެގޮތުން ”ގައުމީ ތަރައްގީގެ ޕްލޭން“ އަކީ ޖީލެއްގެ ތަސައްވުރުގެ ގޮތުގައި ރައީީސް ސިފަ ކުރައްވާފައިވެއެވެ.
ރާއްޖޭގެ ގައުމީ ތަރައްގީގެ ޕްލޭނަށް ހުރިހާ ރަށަކުން ވެސް ހިޔާލު ދޭން ޖެހޭނެ ކަމަށާއި، މިއީ ހުރިހާ ރަށެއް ޝާމިލުވާނެ ޕްލޭނަކަށް ވާން ޖެހޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
”ރައްޔިތުން ބޭނުންވާ ކަންތައް، ކޮންމެ ރަށެއް، މީގަ ރިޕްރެންޓް ވާން ޖެހޭނެ.“ ރައީީސް ވިދާޅުވިއެވެ.
ގައުމީ ތަރައްގީގެ ޕްލޭނެއް އެކުލަވައިލަން ރައީީސް މުއިއްޒުގެ ރިޔާސީ މެނިފެސްޓޯގައި ހިމަނުއްވައިފައިވެއެވެ.
މި ޕްލޭންގައި އިގްތިސާދީ ކުރިއެރުމުގެ މާސްޓަރ ޕްލޭން، އިޖުތިމާއީ ކުރިއެރުމުގެ މާސްޓަރ ޕްލޭން އަދި މުޅި ތަރައްގީގެ ވަށައި ޖެހޭ މާސްޓަ ޕްލޭން ހިމެނޭނެއެވެ.
އެ ޕްލޭނަކީ ދިވެހިން ބޭނުންވާ ގޮތަށް ރާއްޖެ ދާން ބޭނުންވާ މިސްރާބު 20 އަހަރު ދުވަހަށް ކަނޑައަޅާ މާސްޓަ ޕްލޭން ކަމަށް ސަރުކާރުން ކުރިން ވިދާޅުވިއެވެ.

