އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވި ޑޮނަލްޑް ޓްރަމްޕަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

ރައީސް މުއިއްޒު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އެމެރިކާގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރެއްވުމަށް ޓްރަމްޕަށް މަރުހަބާ ވިދާޅުވާ ކަމަށެވެ.

ރާއްޖެއާއި އެމެރިކާއާ ދެމެދުގައި ގާތް އެކުވެރި ގުޅުމެއް އޮންނަކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ ދެ ގައުމުގެ ގުޅުން އިތުރަށް ވަރުގަދަކުރުމަށް އުންމީދުކުރައްވާކަމަށެވެ.

“ ގޮންޖެހުންތަކާއި މަޝްވަރާކޮށް ދެ ގައުމުގެ ދުނިޔޭގެ ލާބައާއި މަންފާއަށް އެކުގައި މަސައްކަތް ކުރުމަށް އުންމީދުކުރަން.“ ރައީސް ވިދާޅުވެފައިވެއެވެ.

މިވަގުތުގެ ނަތީޖާ ދައްކާ ގޮތުން އެމެރިކާގެ 50 ސްޓޭޓުގެ ތެރެއިން ގިނަ ސްޓޭޓުތައް ކާމިޔާބު ކުރީ ޓްރަމްޕެވެ.

މިހާރުގެ ނައިބު ރައީސް ކަމަލާ ހެރިސްގެ މައްޗަށް ކުރި ހޯދައި ޓްރަމްޕް ވަނީ 267 އިލެކްޓޮރަލް ކޮލެޖް ވޯޓު ކަށަވަރު ކޮށްފައެވެ.

ކަމަލާ އަށް ލިބިވަޑައިގެންފައި ވަނީ 219 ވޯޓެވެ. ރައީސްކަން ލިބޭނީ 270 އިލެކްޓޮރަލް ވޯޓު ލިބިގެންނެވެ.