ރާއްޖޭގެ ހުރިހާ ރަށަކަށް ބޭންކް އޮފް މޯލްޑިވްސް (ބީ.އެމް.އެލް)ގެ އޭޓީއެމް ހިދުމަތް ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ މަޝްރޫއު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު އިފްތިތާހު ކޮށްދެއްވައިފިއެވެ.

މި ރަސްމިއްޔާތުގައި، މުޅި ދިވެހިރާއްޖެއަށް ބޭންކް އޮފް މޯލްޑިވްސްގެ އޭޓީއެމްގެ ހުދުމަތް ފޯރުކޮށްދިނުމުގެ ގޮތުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި ބޭންކް އޮފް މޯލްޑިވްސްއާއި ދެމެދު ފަހުމުނާމާއެއްގައި ވަނީ ސޮއިކުރައްވާފައެވެ.

ރައީސް އޮފީހުގައި ބޭއްވި މި ރަސްމިއްޔާތުގައި، މި މަޝްރޫއުގެ ދަށުން ފުރަތަމަ އިފްތިތާހުކުރި އޭޓީއެމް އަކީ އދ. އޮމަދޫގައި ގާއިމުކުރެވުނު އޭޓީއެމްއެވެ. މިވަގުތު ދިވެހިރާއްޖޭގައި ބީއެމްއެލް ގެ 190 އޭޓީއެމް ޤާއިމުކުރެވިފައިވާއިރު، 2025 ވަނަ އަހަރު ނިމުމުގެ ކުރިން، ދިވެހިރާއްޖޭގައި 250 އަށްވުރެ ގިނަ އޭޓީއެމް ގާއިމުކުރުމަކީ މިއަދު ފެށި މަޝްރޫޢުގެ އަމާޒެކެވެ.

މިއީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ގެ ހިދުމަތް ގާއިމުކޮށް ހުރިހާ ދިވެހި ރައްޔިތުންނަށް ގާތުން އަދި ފަސޭހަކަމާއެކު ބޭންކިންގ ހިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅު ފުއްދެވުމަށް ކުރިއަށްގެންދަވާ މަސައްކަތެކެވެ.

މި މުހިންމު މުނާސަބަތު ފާހަގަކުރުމުގެ ގޮތުން ބޭންކް އޮފް މޯލްޑިވްސްގެ ސީއީއޯ މުހައްމަދު ޝަރީފު ވަނީ ރައީސުލްޖުމްހޫރިއްޔާއަށް ހަނދާނީ ފިލައެއް އަރުވާފައެވެ.