މޯލްޑިވްސް އިސްލާމިކް ބޭންކް (އެމް.އައި.ބީ)ގެ އޭޓީއެމް ހިދުމަތް 19 ރަށަކަށް ފުޅާކުރުމުގެ މަޝްރޫއު ފަށައިފިއެވެ.
މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގެންނެވިއެވެ.
މި ރަސްމިއްޔާތުގައި، މޯލްޑިވްސް އިސްލާމިކް ބޭންކްގެ އޭޓީއެމް ހިދުމަތް ފުޅާކުރުމާބެހޭގޮތުން، މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑާއި އިސްލާމިކް ބޭންކާއި ދެމެދު ވަނީ ފަހުމުނާމާއެއްގައި ސޮއިކުރައްވާފައެވެ.
މި ފަހުމްނާމާގައި ސޮއިކުރެއްވީ މިނިސްޓަރ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓް އެންޑް ޓްރޭޑް، މުހައްމަދު ސައީދާއި މޯލްޑިވްސް އިސްލާމިކް ބޭންކުގެ ޗީފް އެގްޒެކެޓިވް އޮފިސަރ މުފައްދަލް އިދްރީސް ހުމްރީއެވެ.
މިއީ ދިވެހިރާއްޖޭގެ މީހުން ދިރިއުޅޭ ހުރިހާ ރަށެއްގައި އޭޓީއެމް ގެ ހިދުމަތް ގާއިމުކޮށް، ހުރިހާ ދިވެހި ރައްޔިތުންނަށް ގާތުން އަދި ފަސޭހަކަމާއެކު ބޭންކިން ހިދުމަތްތައް ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ވެވަޑައިގެންނެވި ރިޔާސީ ވައުދުފުޅު ފުއްދެވުމަށް ކުރިއަށްގެންދަވާ މަސައްކަތެކެވެ.
މިހާރު 12 އަތޮޅުގެ 18 ރަށެއްގައި އެމްއައިބީ ގެ 39 އޭ.ޓީ.އެމް ޤާއިމުކުރެވިފައިވާއިރު، 2025 ވަނަ އަހަރުގެ ނިޔަލަށް އެމްއައިބީ ގެ އިތުރު 23 އޭޓީއެމް އެކިރަށްރަށުގައި ގާއިމުކުރެވޭނެއެވެ.
އަދި މި މަޝްރޫއު ނިމޭއިރު އެމްއައިބީގެ އޭޓީއެމްގެ ހިދުމަތް 16 އަތޮޅެއްގެ 37 ރަށަކަށް ފޯރުކޮށްދެވޭނެއެވެ.