ރައީސުލްޖުމްހޫރިއްޔާގެ ނައިބު ހުސައިން މުހައްމަދު ލަތީފު، ހެލްތު އެކްސްޕޯ 2024 ހުޅުއްވައިދެއްވައިފިއެވެ.
”ހެލްތު އެކްސްޕޯ 2024“ އަކީ، ދުޅަހެޔޮ މުޖުތަމައުއެއް ބިނާކުރުމަށް ސިއްހީ ދާއިރާއިން ކުރަމުންދާ މަސައްކަތްތަކާއި ސިއްހީ ގޮތުން ދުޅަހެޔޮ އާދަތަކަށް އާންމުން ހޭލުންތެރިކުރުމާއި ގުޅޭ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުމަށް، މިނިސްޓްރީ އޮފް ހެލްތުން އިންތިޒާމުކުރައްވައިގެން ދެ ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ ހަރަކާތެކެވެ.
”ހެލްތު އެކްސްޕޯ 2024“ ފެށުމުގެ ގޮތުން ހުޅުމާލޭ ސެންޓްރަލް ޕާކުގައި ރޭ އޮތް ރަސްމިއްޔާތުގައި، ރައީސުލްޖުމްހޫރިއްޔާގެ ނައިބު ވަނީ، ރައީސް މުހައްމަދު މުއިއްޒުގެ ވެރިކަމުގައި ސިއްހީ ދާއިރާއިން ކުރައްވާފައިވާ މަސައްކަތްތަކުގެ ވަނަވަރު ހިމެނޭހެން ތައްޔާރުކޮށްފައިވާ ”ހަފުތާ 52“ އާންމުކޮށްދެއްވާފައެވެ.
އަދި ނައިބު ރައީސް ވަނީ، ހެލްތު އެކްސްޕޯ 2024 ގައި އާންމުންނަށް މައުލޫމާތު ފޯރުކޮށްދިނުމަށް ތައްޔާރުކޮށްފައިވާ ސްޓޯލްތަކަށް ޒިޔާރަތްކުރައްވައި، އެ ސްޓޯލްތައް ބައްލަވާލައްވާފައެވެ. ހެލްތު އެކްސްޕޯ 2024ގައި، ޞިއްޙީ ދާއިރާގެ އެކިއެކި ފަރާތްތަކުން ވަނީ ބައިވެރިވެފައެވެ.
އެގޮތުން މާލެ ސަރަހައްދުގެ ހޮސްޕިޓަލްތަކާއި، ކްލިނިކްތަކާއި ޖަމިއްޔާ ޖަމާއަތްތަކާއެކު މި އެކްސްޕޯގައި ގާއިމުކޮށްފައިވާ 50 ސްޓޯލަކުން، އާންމުންނަށް މައުލޫމާތު ލިބޭނެ އިންތިޒާމު، ސިއްހަތާބެހޭ ވުޒާރާއިން ވަނީ ހަމަޖައްސަވައިދެއްވާފައެވެ.