ހުޅުމާލެގައި ހިންގި އޮޕަރޭޝަނެއްގައި 48 ބަނގުރާ ފުޅިއާއެކު ތިން މީހަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ މި ތިން މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން މިމަހުގެ ހަތް ވަނަ ދުވަހު ހުޅުމާލޭގައި ހިންގި އޮޕަރޭޝަނެއްގައިކަމަށެވެ.
ފުލުހުން ވިދާޅުވީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސާއި ހުޅުމާލެ ޕޮލިސް ގުޅިގެން ހިންގި މި އޮޕަރޭޝަނުގައި ހުޅުމާލެ ފޭސް އެކެއްގެ މަގުމަތިން ޕިކަޕެއް ހުއްޓުވައި ބަލައިފާސްކުރިއިރު 48 ފުޅި ބަނގުރާ ފެނިފައިވާކަމަށް ފުލުހުން ވިދާޅުވެއެވެ.
މި އޮޕަރޭޝަންގައި ހައްޔަރުކޮށްފައިވަނީ ބިދޭސީ ތިން މީހުންކަމަށްވެސް ފުލުހުން ބުންޏެވެ.
އެއީ އިންޑިއާއަށް ނިސްބަތްވާ އުމުރުން 24 އަހަރުގެ މީހަކާއި އެ ޤައުމަށް ނިސްބަތްވާ އުމުރުން 27 އަހަރުގެ މީހެއްގެ އިތުރުން ނޭޕާލަށް ނިސްބަތްވާ 35 އަހަރުގެ މީހެއް ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން މި ތިން މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ތިން މީހުންވެސް 10 ދުވަހަށް ބަންދުކުރުމަށް ވަނީ އަމުރުކޮށްފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.