އާބަން ސެންޓަރުތަކާ ގުޅޭގޮތުން، އިދިކޮޅު ފަރާތްތަކުން ދޮގު ވާހަކަތައް ފަތުރަނީ، ކަންކަން ނޭނގޭތީ، ނުވަތަ ގަސްދުގައި ހަގީގަތް އޮޅުވައިލުމަށް ކަމަށް ސަރުކާރުގެ އިސް ތަރުޖަމާނު ހީނާ ވަލީދު ވިދާޅުވެއްޖެއެވެ.
ހީނާ މިހެން ވިދާޅުވީ އިދިކޮޅު އެމްޑީޕީގެ ރައީސް ޝާހިދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި، އާބަން ސެންޓަރުތައް ކަނޑައެޅުމުގައި ބޮޑުތިލަދުންމައްޗާއި ރާއްޖޭގެ ދެކުނުގެ ސަރަހައްދު އުނިވެފައިވާ ސަބަބު އެ ސަރަހައްދުތަކުގައި ދިރިއުޅޭ ރައްޔިތުންނަށް ސަރުކާރުން ސާފުކޮށްދޭން ޖެހޭ ކަމަށް ވިދާޅުވެފައިވަނިކޮށެވެ.
މިފަދަ ކަންކަން ނިންމުމުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ މަޝްވަރާ ހޯދުމަކީ މުހިންމު ކަމެއް ކަމަށް ވެސް ޝާހިދު އެކްސްގައި ޕޯސްޓެއް ކުރައްވައި ވިދާޅުވިއެވެ.
ޝާހިދު އިތުރަށް ވިދާޅުވީ މިފަދަ ކަންކަން ނިންމުމުގައި ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތަކުގެ މަޝްވަރާ ހޯދުމަކީ މުހިންމު ކަމެއް ކަމަށެވެ.
އާބަން ސެންޓަރުގެ ގޮތުގައި ރަށްތައް ކަނޑައެޅުމުގެ މަގްސަދަކީ ލާމަރުކަޒީ ނިޒާމުން ރަށްރަށް ހިންގުމުގެ ނިޒާމުން އެ ރަށްތައް ވަކިކޮށް މާލެއިން ހިންގަން ފެށުން ކަމުގައި ވެގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
ހީނާ މީސްމީޑިއާގައި މިރޭ ވިދާޅުވީ، އާބަން ރީޖަންތަކާއި އާބަން ސެންޓަރުތައް ތަރައްގީ ކުރެއްވުމާ ގުޅޭގޮތުން މެނިފެސްޓޯގައި ހިމެނިފައިވާގޮތް ރައީސް ޑޮކްޓަރ މުހައްމަދު މުއިއްޒު އެވަނީ ސާފުކޮށްދެއްވާފައި ކަމަށެވެ.
މާލޭ އާބަން ރީޖަންގެ އިތުރުން މަތީ ފަންތީގެ ހިދުމަތްލިބޭ ސަރަޙައްދެއް (އާބަން ރީޖަންއެއްގެ) ގޮތުގައި އުތުރުގެ 3 އަތޮޅު ތަރައްގީ ކުރުމަށް ހަމަޖެހިފައިވަނީ އިދާރީ މައި ހަބުގެ ގޮތުގައި ކުޅުދުއްފުށި ހިމަނައިގެން އަދި ދެކުނުގެ 4 އަތޮޅު ހިމެނޭހެން އިދާރީ މައި ހަބުގެ ގޮތުގައި އައްޑޫ ސިޓީ ހިމަނައިގެންކަން ހީނާ ފާހަގަކުރެއްވިއެވެ.
ހީނާ ވިދާޅުވީ، މިހާރު ހައުސިންގ މިނިސްޓްރީން އާންމު ކުރައްވާފައިވަނީ މި ދެ އާބަން ރީޖަންގެ އިތުރުން، އާބަން ސެންޓަރުގެ ގޮތުގައި ތަރައްގީ ކުރެއްވުމަށް ކަނޑައެޅުއްވި 7 ރަށް ކަމަށެވެ.
”ކުރީ ސަރުކާރުގެ އިސްވެރިންނަށް ކަންކަން ނޭނގި ވާހަކަދައްކަނީ , ނޫނީ ކަން ކަން އޮޅުވާލަން ގަސްތުގައި ދޮގު މައުލޫމާތު ފަތުރަނީ“
ކަމުގެ ހަގީގަތް ނުބަލައި، އިދިކޮޅު ފަރާތްތަކުން ޚަބަރު ފަތުރާތީ، ރައީީސް މުއިއްޒު ވެސް ވަނީ ކަންބޮޑުވުންފާޅު ކުރައްވައިފައެވެ.
އެމަނިކުފާނު ވިދާޅުވީ ކަންކަމުގެ ހަގީގަތް ނުބައްލަވާ، ނުވަތަ ހަގީގަތް އެނގިވަޑައިގެން ތިއްބަވައިގެން، ސިޔާސީ ފައިދާ ހޯދުމުގެ ނިޔަތުގައި ސިޔާސީ ބައެއް ފަރާތްތަކުން ކުރައްވާ ކަންކަމަށް ޒިންމާވާނީ އެކަންކަން ކުރައްވާ ބޭފުޅުން ކަމަށެވެ.