”އޮޅުހިޔާ“ގެ ނަމުގައި ހުޅުމާލޭގައި ގާއިމުކޮށްފައިވާ ބުޅާ ފެސިލިޓީއަށް  ކާނާ ފޯރުކޮށްދޭނެ ބަޔަކު ހޯދަން އިއުލާންކޮށްފިއެވެ.

މާލެ ސިޓީ ކައުންސިލުން ރޭގެ ވަގުތެއްގައި ކުރި އިއުލާނެއްގައި ބުނީ ބުޅާ ފެސިލިޓީއަށް ކާނާ ފޯރުކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކަށް ބީލަން ހުށަހެޅުމުގެ ފުރުސަތު ހުޅުވައިލާ ކަމަށެވެ.

އެ ބީލަން ހުޅުވުން އޮންނާނީ މި މަހުގެ 20 ވަނަ ދުވަހުއެވެ.

މާލޭ ސިޓީ ކައުންސިލުން ބުނީ ފުރަތަމަ ހަ މަސް ދުވަހު 500 ބުޅަލަށް ކާން ދޭން ޖެހޭނެ ކަމަށެވެ.

އެއީ ދުވާލަކު ދެ އިރު ކާންދޭން ޖެހޭ ގޮތަކަށް ކަމަށާއި އެ ކާނާ ވާން ޖެހޭނީ މިންހެޔޮ ކާނާއަށް ކަމަށް ވެސް ސިޓީ ކައުންސިލުން ބުންޏެވެ.

މާލެ ސިޓީ ކައުންސިލުން އިތުރަށް ބުނީ ތައްޔާރުކޮށްގެން ފޯރުކޮށްދޭ ތެތް ކާނާ އޮޅުހިޔަލަށް ގެންނަން ޖެހޭނީ ކާނާގެ ތާޒާކަން ނުގެއްލޭ ގޮތަށް ޝެޑިއުލްއާ އެއްގޮތަށް ދުވާލަކު އެއް ފަހަރު ކަމަށެވެ.

ބުޅާ ފެސިލިޓީ އަކީ ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ”ހަފްތާ 14″ގެ ވައުދުތަކުގެ ތެރޭގައި ހިމެނޭ މުހިންމު ވައުދެކެވެ.