މި ސަރުކާރުން ފުށިދިއްގަރުފަޅު ހިއްކައިގެން ތަރައްގީ ކުރަން ނިންމާފައިވާ ”ރަސްމާލެ“ އަލުން ހިއްކަން ފަށައިފިއެވެ.

މިކަން ހާމަކޮށް، ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ، އެ ކުންފުނިން ވަނީ ރަސްމާލެ ހިއްކުމުގެ މަސައްކަތް އަލުން ފަށާފައި ކަމަށެވެ.

ރަސްމާލެ މަޝްރޫއުގެ މަސައްކަތް ފުރަތަމަ ފެށީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައެވެ.

އެ މަޝްރޫއުގެ ދަށުން 1،153 ހެކްޓަރުގެ ބިން ހިއްކުމަށް ހަމަޖެހިފައިވެއެވެ.

އެ މަސައްކަތް ކުރުމަށް އާބަންކޯ އިން ހަވާލުކޮށްފައި ވަނީ ސްރީ ލަންކާގެ ކެޕިޓަލް މެރިން އެންޑް ސިވިލް ކޮންސްޓްރަކްޝަން ކޮމްޕެނީ (ސީއެމްސީސީ) އާއެވެ.

ރަސްމާލެ އަކީ 65،000 މީހުންނަށް ބޯހިޔާވަހިކަން ފަހިކޮށް ދެވޭނެ ތަނަކަށް ވާނެ ކަމަށް ސަރުކާރުން ބުނެއެވެ. މިއީ މާލެ ސަރަހައްދުގެ ބޯހިޔާވަހިކަމުގެ މައްސަލަ ހައްލު ކޮށްދޭނެ މަޝްރޫއުއެއް ކަމަށް ސަރުކާރުން ވަނީ ބުނެފައެވެ.