ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގައި އިމާރާތްކުރާ 4000 ފްލެޓް ލިބޭ މީހުންގެ ވަގުތީ ލިސްޓު އަންނަ ހަފުތާގައި އާންމުކުރާނެ ކަމަށް ހައުސިން މިނިސްޓަރު ޑރ.އަލީ ހައިދަރު އަހުމަދު ވިދާޅުވެއްޖެއެވެ.
ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުއެއްގައި މިނިސްޓަރު ހައިދަރު ވިދާޅުވީ 4،000 ފްލެޓަށް އެދި ހުށަހެޅި ފޯމުތައް އަލުން އިވެލުއޭޓް ކުރަމުންދާ ކަމަށެވެ.
އަދި އެ މަސައްކަތް ނިމުމުން އަންނަ ހަފުތާގައި ވަގުތީ ލިސްޓް އާންމުކޮށް ޝަކުވާ ހުށަހެޅުމަށް ހުޅުވާލާނެ ކަމަށް ވިދާޅުވިއެވެ.
ހައުސިން މިނިސްޓްރީން މީގެ ކުރިން ބުނެފައިވަނީ ފްލެޓް ލިބޭ މީހުންގެ ލިސްޓް އޮކްޓޫބަރު މަހު އާންމުކުރާނެ ކަމަށެވެ.
ނަމަވެސް ލިސްޓް ނެރުން ލަސްކުރީ ހުރިހާ ފޯމުތަކެއް ބެލުމަށް އިތުރު ވަގުތު ބޭނުންވާތީ ކަމަށް އެ މިނިސްޓްރީން ބުންޏެވެ.
ފްލެޓް ލިބޭ މީހުންގެ ލިސްޓު އާއްމު ކޮށްފައި ވަނީ 2023 ވަނަ އަހަރުގެ ނޮމެވްބަރު މަހުގެ ހަތަރު ވަނަ ދުވަހުއެވެ.
އެ ލިސްޓަށް ގިނަ ބަޔަކު ޝަކުވާ ހުށަހެޅިއެވެ. އެ މައްސަލަ ބެލުމަށްފަހު އޭސީސީ އިން ބުނީ ފްލެޓް ލިސްޓުގައި ނަން އޮތް މީހުންގެ ތެރެއިން 59.6 ޕަސެންޓް މީހުން ފްލެޓަށް ޝަރުތު ހަމަނުވާ ކަމަށެވެ.
ޝަރުތު ހަމަވި ނަމަވެސް 19.7 ޕަސެންޓް ފޯމުގައި މައްސަލަ ހުރި ކަމަށާއި އެއްވެސް މައްސަލައެއް ނެތީ 20.7 ޕަސެންޓް ފޯމުގައި ކަމަށް އޭސީސީން ބުނެފައިވެއެވެ.

