މި އަންނަ އަހަރު ނިމޭއިރު، ރާއްޖޭގެ ކޮންމެ ރަށެއްގައި އޭޓީއެމް ހުންނާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ، މި އަހަރު ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް)ގެ އޭޓީއެމްގެ ހިދުމަތް މުޅި ރާއްޖެއަށް ފުޅާ ކުރުމުގެ މަޝްރޫއު ފެށީ، މި މަހުގެ 07 ވަނަ ދުވަހުއެވެ.

އެ ދުވަހު ރައީސް އޮފީހުގައި ބޭއްވި ރަސްމިއްޔާތުގައި، އެ މަޝްރޫއުގެ ދަށުން ފުރަތަމަ އިފްތިތާހުކުރި އޭޓީއެމ. އަކީ އދ. އޮމަދޫގައި ގާއިމުކުރެވުނު އޭޓީއެމްއެވެ.

ރައީސް މިރޭ ވިދާޅުވީ، މި މަޝްރޫއުގެ ދަށުން 100 ‏މީހުން އުޅޭ ރަށްރަށުގައި ވެސް އޭޓީއެމްގެ ހިދުމަތް ގާއިމު ކުރެވޭނެ ކަމަށެވެ.

”އިހަށް ދުވަހު އެ މަޝްރޫއު ފެށުނީ، އެ މަޝްރޫއު ނިމޭއިރު، މި އަންނަ އަހަރު ނިމޭއިރު، ރާއްޖޭގެ ކޮންމެ ރަށެއްގައި، އެއީ 100 މީހުން ތިބި ނަމަވެސް ކޮންމެ ރަށެއްގަ އޭޓީއެމް މެޝިނެއް ހުންނާނެ.“ ރައީސް ވިދާޅުވިއެވެ.

މި މަޝްރޫއު ކުރިއަށް ގެންދަނީ، ކުދި ރަށްރަށުގައި އުޅޭ މީހުން އާބާދީ ބޮޑު ތަންތަނަށް ބަދަލު ކުރެވެން ދެން ވިޔަސް، އޭޓީއެމްގެ ހިދުމަތް މުހިންމުވާނެތީ ކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ އެމަނިކުފާނުގެ ސިޔާސަތަކީ އާބާދީ ކުޑަ ރަށްތަކަށް، އެ ރަށްރަށަށް ބޭނުންވާ ހިދުމަތްތައް، އާބާދީއާ އެކަށީގެންވާ ވަރަށް ފޯރުކޮށްދިނުން ކަމަށާއި، އެ ވާހަކަ އެމަނިކުފާނުގެ މެނިފެސްޓޯގައި ވެސް ހިމެނޭ ކަމުގައެވެ.

މިވަގުތު ދިވެހިރާއްޖޭގައި ބީއެމްއެލްގެ 150 އޭޓީއެމް ގާއިމުކުރެވިފައިވެއެވެ.