ރާއްޖޭގެ ކަނޑުން ގެއްލުނު ބައި ހޯދުމުގައި ފަހަތަށް ޖެހުމެއް ނެތް ކަމަށާއި، ޗާގޯސް އަކީ ރާއްޖެއަށް ލިބުން ހައްގު ތަނެއްކަން ފާހަގަކޮށް އިނގިރޭސި ސަރުކާރަށް ސިޓީ ފޮނުއްވައިފައިވާ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ރައީސް މިފަދައިން ވިދާޅުވީ ޖުމްހޫރީ ދުވަހުގެ ހާއްސަ ޖަލްސާގައި ގައުމާ މުހާތަބު ކުރައްވައި، މިރޭ ވާހަކަފުޅު ދައްކަވަމުންނެވެ.
އެމަނިކުފާނު ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގައި އަހާލުމެއް ނެތި، ގާނޫނާ ހިލާފަށް ކުރީ ސަރުކާރުން ކަނޑުން ބައެއް ދޫކޮށްލާފައިވާއިރު، އެކަން ކޮށްފައިވާ ގޮތުން، އެކަން ހައްލު ކުރުމަށް ބުރަ މަސައްކަތްތަކެއް ކުރަން ޖެހޭ ކަމަށެވެ.
”ރެއާ ދުވާލު މިދަނީ (އެ މަސައްކަތް) ކުރަމުން. އެޓާނީ ޖެނެރަލް އޮފީހުގެ މުވައްޒަފެއް ދާއިމީކޮށް ޔޫއެންގަ ހުންނާނެ، އެ ދުވަހު ސަރުކާރު އުފެދުނީއްސުރެ ފޮނުވައިގެން އެތާ ބަހައްޓައިގެން ކުރަންޖެހޭ މަސައްކަތް އެ ދަނީ ކުރަމުން. އެކި އެކި މަސައްކަތް ވަކީލުންގެ ޓީމުން އެބަ ކުރޭ.“ ރައީީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އިނގެރޭސިވިލާތުގެ ސަރުކާރުން، ޗާގޯސް މޮރިޝަސްއާ ހަވާލު ކުރާ ވާހަކަތަކެއް އިވުމުން، ތާރީހީ ގޮތުން ބަލާއިރު، ޗާގޯސް ރާއްޖެއަށް ދިނުން އައުލާވެގެންވާކަން ދަންނަވައި، ދިވެހި ސަރުކާރުން އިނގެރޭސިވިލާތަށް ސިޓީ ވެސް މިހާރު ފޮނުވައިފައިވާ ކަމަށެވެ.
”އަޅުގަނޑުމެންގެ ތާރީހީ ގުޅުމެއް، ވަރަށް ބޮޑަށް އޮތް ތަނަކަށް އެތަން ވާތީ، ރަސްމީކޮށް، ސިޓީން، ދިވެހި ސަރުކާރުން މިހާރު ވާނީ، ފޮނުވާފަ. އެތަނަކީ އަޅުގަނޑުމެންގެ ރަސްރަސްކަލުންގެ ލިޔެކިޔުންތަކުގައި، ފެންނާން ހުރި ލިޔެކިޔުންތައް ހުރުމާއެކުގައި، އެ ތަނަކީ އެހެން ގައުމަކަށްވުރެ ދިވެހިރާއްޖެއަށް އައުލާކަން ބޮޑު، ދިވެހިރާއްޖޭގެ ތަނެއްގެ ގޮތުގައި ވެސް ބެލިދާނެ ތަނެއް ކަމަށް ތާރީހީ ގޮތުން ވެސް ފެންނަން ހުރުމާއެކީގަ، އެކަން ފާހަގަކޮށް ވާނީ ސިޓީ ފޮނުވާފަ.“ އެމަނިކުފާނު ވިދާޅުވިއެވެ.
ރައީީސް ވިދާޅުވީ، ގެއްލުވާލި ކަނޑުގެ މައްސަލަ އިންސާފުވެރި ގޮތަކަށް ނިމިގެންދާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށާއި، އެ ކަނޑު ހޯދުމަށް ކުރާ މަސައްކަތް ދާނީ ބާރަށް ކުރިއަށް ކަމަށެވެ.

