މާތްވެގެންވާ ދެ ޙަރަމްފުޅުގެ ހާދިމް އަދި ސައުދީ އަރަބިއްޔާގެ ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒްގެ ދަޢުވަތަކަށް، ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިރޭ ސައުދީ އަރަބިއްޔާގެ ރިޔާޛަށް ފުރާވަޑައިގެންފިއެވެ.

މަތީ ފަންތީގެ ވަފުދަކާއެކު ކުރައްވާ މި ދަތުރުފުޅުގައި، އިސްރާއީލުގެ އިސްތިއުމާރީ ބާރުތަކުން ފަލަސްތީނާއި ލުބްނާނަށް ދެމުންދާ ހަމަލާތަކާއި، ސަރަޙައްދީ ހުތޫރާތްތެރި މައްސަލަތަކާމެދު، ސަރަހައްދީ އިސްވާރުން ކުރައްވާ މަޝްވަރާގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ ކަމަށް ރައީސް އޮފީހުން ވަނީ މައުލޫމާތު ދެއްވައިފައެވެ.

މި ސަމިޓުގައި މަޝްވަރާތައް ބިނާކުރައްވާނީ، 2023 ވަނަ އަހަރުގެ ނޮވެމްބަރ މަހުގެ 11 ވަނަ ދުވަހު ސައުދީ އަރަބިއްޔާގެ ރިޔާޛުގައި ނިންމި ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓުގެ ނިންމުންތަކުގެ މައްޗަށެވެ.

ރައީސް ގެންދަވަނީ، ފަލަސްތީނުގެ ރައްޔިތުންގެ ހައްގުގައި އަޑުއުފުއްލަވައި، އިސްރާއީލުގެ އަމަލުތައް ކުށްވެރިކުރަވައި، ފަލަސްތީނާއި ލުބްނާނަށް ދެމުންދާ ހަމަލާތައް ކުށްވެރިކުރައްވާމުންކަން ރައީީސް އޮފީހުން ފާހަގަކުރެއްވިއެވެ.

އަދި ސަރަޙައްދީ ސުލްޙަ އާއި ޢަދާލަތަށް ގޮވާލެއްވުމުގައި އެމަނިކުފާނު ގެންގުޅުއްވާ ސާބިތުކަމަކީ، މި މައްސަލައިގައި އަނިޔާ ލިބެމުންދާ މީހުންނަށް ދިވެހިން ކުރާ ތާއީދުގެ ހެއްކެއް ކަމަށް ވެސް ރައީީސް އޮފީހުން ވިދާޅުވިއެވެ.

ހޯމަ ދުވަހު ބާއްވާ ސަމިޓުގެ ސެޝަންގައި، ރައީސުލްޖުމްހޫރިއްޔާ ދިވެހިރާއްޖޭގެ ގައުމީ ބަޔާން އިއްވަވާނެއެވެ. ދިވެހި ރާއްޖޭގެ ވަފުދަށް މެހުމާންދާރީ އަދާކުރައްވަނީ ސަޢޫދީޢަރަބިއްޔާގެ ސަރުކާރުންނެވެ.