އަންނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރްޓީއެލްގެ ހިދުމަތް ގާއިމުކޮށް ނިންމާނެ ކަމަށް ރައީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ރޭ ބޭއްވެވި ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ދިވެހިރާއްޖޭގެ ދަތުރުފަތުރުގެ ނިޒާމަށް އައިސްފައިވާ ކުރިއެރުންތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
އެގޮތުން، 2025 ވަނަ އަހަރުގެ ނިޔަލަށް ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އާރްޓީއެލްގެ ހިދުމަތް ގާއިމުކުރައްވާ ނިންމަވާނެކަމަށް ވިދާޅުވިއެވެ.
އަދި އިގްތިސާދީ ބޭނުން ހިފޭ، ދެމެހެއްޓެނިވި ވިސްނުމުގެ ނަޒަރިއްޔާއިން އަންނަނިވި ޒަމާންތަކުގައިވެސް ފައިދާ ލިބެނިވި އެއަރޕޯޓްތައް ތަރައްގީ ކުރުމުގެ މަސައްކަތްތައް ކުރިއަށްދާނެކަމުގެ ޔަގީންކަން ރައީސް ދެއްވިއެވެ.
ތާރީހު ދުށް ސިނާއީ އިންގިލާބަށް ބެލިކަމުގައި ވީ ނަމަވެސް ގައުމުތައް ކުރިއަރާފައިވަނީ ދަތުރުފަތުރުގެ ވަރުގަދަ ނިޒާމެއްގެ ތެރެއިންކަން ފާހަގަކުރައްވަމުން ރައީސް ވަނީ، އެއްގަމުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށްވެސް މަސައްކަތްތަކެއް ކުރެވެމުންދާކަމަށް ވިދާޅުވެފައެވެ.
އެއްގަމު ދަތުރުފަތުރުގެ އެންމެ ކާރޫބާރޫ ބޮޑު ސަރަޙައްދަކީ މާލޭ ސިޓީކަން ފާހަގަކުރައްވާ، މި މައްސަލައަށް ހައްލު ހޯއްދެއްވުމަށްވެސް މިއަހަރުގެ ތެރޭގައި ގިނަ މަސައްކަތްތަކެއް ކުރެވުނުކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ
އަދި، މާލެއާއި ވިލިމާލޭގެ ހުރިހާ މަގެއް، ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދިރާސާތައް ފަށާފައިވާއިރު، 2025 ވަނަ އަހަރު އަމަލީ މަސައްކަތް ފެއްޓެވުމަކީ ސަރުކާރުގެ އަމާޒެއް ކަމަށްވެސް ރައީސްގެ ވާހަކަފުޅުގައި ވަނީ ވިދާޅުވެފައެވެ.
2025 ވަނަ އަހަރަކީ އެއް ރަށް އަނެއް ރަށަށް ގުޅާލަދޭ ބުރިޖު އެޅުމުގެ ރޮނގުންވެސް ކުރިއެރުންތަކެއް ލިބިގެންދާނެ އަހަރަކަށްވުން ގާތްކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ.

