އަންނަ އަހަރު އިސްލާމީ މަރުކަޒު ފުރިހަމައަށް މަރާމާތު ކުރަން ހަމަޖެހިފައިވާ ކަމަށް އިސްލާމިކް މިނިސްޓަރު ޑރ.މުހައްމަދު ޝަހީމް އަލީ ސައީދު ވިދާޅުވެއްޖެއެވެ.

މިކަން ހާމަކުރައްވައި، މިނިސްޓަރު ޝަހީމް ފޭސްބުކްގައި މިއަދު ވިދާޅުވީ، ދިވެހިރާއްޖޭގެ އެންމެހައި ރައްޔިތުން ލޯބިވާ އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުމުގެ މުނާސަބުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމަށް ހައްގު ޝުކުރު އަދާކުރައްވާ ކަމުގައެވެ.

އެ މިސްކިތް ހުޅުވީ ނޮވެމްބަރު 11، 1984ގައެވެ.

”އެއީ ޖީލެއްގެ ތަރުބިޔަތުގެ ރަމްޒު. ރާއްޖޭގެ އިސްލާމީ ގައުމީ ޝަހްސިއްޔަތުގެ ނިޝާން. އިސްލާމީ ތަރުބިޔަތާއި ތައުލީމާއި ތަމްރީނުގެ ކިއްލާ.“ ޝަހީމް ވިދާޅުވިއެވެ.

ޝަހީމް ވިދާޅުވި ގޮތުގައި، ރޯދަ މަސް އިހުޔާކުރުމުގެ ޖަލްސާތަކާއި، ގައުމީ ގުރުއާން މުބާރަތާއި އިމާމުން ތަމްރީނު ކުރުމާއި ގައުމީ، ބައިނަލްއަގްވާމީ އިސްލާމީ ކޮންފަރެންސްތަކާއި ޖަލްސާތައް ހުއްޓުމެއްނެތި 40 އަހަރުގެ މުއްދަތަކަށް އިސްލާމީ މަރުކަޒުގައި ކުރިއަށް ގެންގޮސްފައިވެއެވެ.

”އިސްލާމީ މަރުކަޒަށް 40 އަހަރު ފުރުމާ ގުޅިގެން ހާއްސަ ޖަލްސާއެއް ބޭއްވުމަށް ރައީސް ޑރ މުޢިއްޒު ވަނީ އިރުޝާދު ދެއްވާފަ“ ޝަހީމް ވިދާޅުވިއެވެ.

އަދި މަރުކަޒުގެ ކަންކަމަށް ރައީސް ހާއްސަ ސަމާލު ކަމެއް ދެއްވާކަން ފާހަގަކުރައްވައި، އެތަނުގެ ފުރިހަމަ މަރާމާތެއް އަންނަ އަހަރު ކުރާނެކަން ޝަހީމް ފާހަގަކުރެއްވިއެވެ.

މިނިސްޓަރު ދެއްވީ ރައްކާތެރިކަމާއެކު މަރުކަޒު ބަލަހައްޓާނެކަމުގެ ޔަގީންކަމެވެ.