މި ސަރުކާރަކީ ދެފުށް ފެންނަ ރައްޔިތުންނަށް ޖަވާބުދާރީވާ ރައްޔިތުން އެދޭ އަމާޒަށް ވެރިކަންކުރާ ދިވެހި ގައުމަށް ފާގަތިކަމާ ބާއްޖަވެރިކަން ހޯދައިދޭ ހެޔޮ ވެރިކަމެއްކޮށްދިނުމަށް މަސައްކަތްކުރާ ސަރުކާރެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރޭ ޖުމްހޫރީ ދުވަހާ ގުޅިގެން ބޭއްވެވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް މުއިއްޒު ވަނީ މި ސަރުކާރު ރައްޔިތުންނަށް މަޢުލޫމާތު ފޯރުކޮށްދީ، ދެފުށް ފެންނަ ސަރުކާރެއް ގޮތުގައި މަސައްކަތް ކުރުމަށް ކުރައްވާފައިވާ މުހިންމު މަސައްކަތްޕުޅުތަކުގެ މައްޗަށް އަލިއަޅުވާލައްވާފައެވެ.
އެގޮތުން ”ރައްޔިތުންގެ އަޑު“ ޕޯޓަލްގެ ތެރެއިން މިހާތަނަށް ގާތްގަނޑަކަށް 840 އަށް ވުރެ ގިނަ ސުވާލު އެމަނިކުފާނަށް ލިބިވަޑައިގެންފައިވާކަން ފާހަގަކުރައްވައި އޭގެތެރިން ޖަވާބު ނުދެވި އޮތީ ގާތްގަނޑަކަށް 22 ސުވާލުކަމުގައި އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މިމޭރުމުން ވާހަކަފުޅު ކުރިއަށް ގެންދަވަމުން ރައީސް ވިދާޅުވީ އެމަނިކުފާނަށް މިހާތަނަށް ލިބިވަޑައިގެންނެވި އާރުޓީއައި ތަކުގެތެރެއިން 90 އިންސައްތައަށް ޖަވާބުދާރީ ވެވަޑައިގެންފައިވާކަމުގައެވެ.
އަދި މިފަހުން އައި އެއްވެސް ސަރުކާރަކުން ނުބާއްވާވަރަށް، ނޫސްވެރިންގެ ބައްދަލުވުން ސަރުކާރުގެ ފަރާތުން އެކި މިނިސްޓަރުންނާއި އެކި ބޭފުޅުން މެދުވެރިކުރައްވައިގެން ބާއްވަވާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން ސަރުކާރު ވެބްސައިޓް ނަމުގައި ވެބްސައިޓެއް ހައްދަވައިގެން ސަރުކާރުން ކުރަމުންދާކަންކަން ދުވަހުން ދުވަހަށް ރައްޔިތުންނާ ޙިއްޞާކުރައްވާކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ.
މި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ އެމަނިކުފާނުގެ ބައްޕާފުޅުގެ ”ދައުލަތާއި ވެރިންނާއި މަސްޢޫލިއްޔަތު އަދި ކިޔަމަންވުމުގެ މަފުހޫމް“ ފޮތުން މައުލޫމާތު ހާމަކުރުމާއި ސައްހަ މައުލޫމާތު ނޫސްވެރިން ރައްޔިތުންނަށް ފޯރުކޮށްދިނުމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.

