މި ސަރުކާރުން މިހާތަނަށް 4700 އަށްވުރެ ގިނަ ބިދޭސީން ޑީޕޯޓުކޮށްލައިފައިވާ ކަމަށް ރައީީސް ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ، ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ރޭ ބޭއްވި ރަސްމީ އިޙުތިފާލުގައި، ޤައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅުދައްކަވަމުންނެވެ.

ދިވެހިރާއްޖޭގައި ހެދިފައި އޮތް ގާނޫނާއި ގަވައިދުތަކާއި ހިލާފަށް އުޅެމުންދާ ބިދޭސީންގެ މައްސަލައަށް އިޝާރާތްކުރައްވައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ރާއްޖޭގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަކީ އެއްވެސް ސަރުކާރަކަށް ހައްލު ނުކުރެވި، އެތައް އަހަރަކަށް ދިގުލައިގެން ގޮސްފައިވާ މައްސަލައެއް ކަމަށެވެ.

ނަމަވެސް، ދިވެހިރާއްޖޭގެ ސަރުކާރު ހިންގެވުމާއި އެމަނިކުފާނު ހަވާލުވެވަޑައިގަތުމަށް ފަހު، ގަވާއިދާ ހިލާފަށް ބިދޭސީން ކުރަމުން ދިޔަ ވިޔަފާރިތައް ހުއްޓުވުމުގެ މަސައްކަތް ފެއްޓެވިކަމަށާއި، ގަވައިދާ ހިލާފަށް އުޅެމުންދިޔަކަމަށް ފާހަގަކުރެވުނު 4700 އަށްވުރެ ގިނަ ބިދޭސީން މިހާތަނަށް ޑީޕޯޓްކޮށްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

މިއީ އަހަރު ދުވަހަށް ބަލާއިރު ރެކޯޑެއް ކަމަށާ، އަދި މި ކަމަށް ދާއިމީ ހައްލެއް ބޭނުންފުޅުވާކަމަށާއި، ނޫންނަމަ އެތެރެއިން އަންނަ މިނިވަންކަމުގެ ބުރުލަކަށް މިކަންވެގެންދާނެކަމުގައި ރައީސް ވިދާޅުވިއެވެ.

ރާއްޖޭގެ އިޖުތިމާއި އަމާންކަމާއި ހަމަޖެހުމަށް އޮތް އެންމެ ބޮޑު ނުރައްކާ ކަމުގައިވާ، މަސްތުގެ ވަބާއިން ގައުމު ސަލާމަތްކުރުމަށްޓަކައި މިދިޔަ އަހަރެއްހާ ދުވަހުގެ ތެރޭގައި ކުރެވުނު މުހިންމު މަސައްކަތްތަކަށް ރައީސުލްޖުމްހޫރިއްޔާގެ ރޭގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

އެގޮތުން މަސްތުގެ ވަބާއިން ގައުމު ސަލާމަތްކުރުމަށް ކުރެވޭ މަސައްކަތްތައް އިތުރުކޮށް، މަސްތުވާތަކެތި އަތުލައިގަނެވިފައިވާ މިންވަރު، ކުރީ އަހަރަށްވުރެ 60 އިންސައްތަ އިތުރުކުރެވިފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ބޭނުންފުޅުވަނީ މުޖުތަމައުގައި ހުރި ނުބައި އާދަތައް ފިލުވާލުންކަމަށާއި، ކުރިއަށް އޮތް އަހަރުގެ ތެރޭގައި ގާބިލުކަން އިތުރުކޮށް، މި މަސައްކަތް އަދިވެސް އިތުރަށް ވަރުގަދަވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މަގުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި އެޅުއްވުނު މުހިންމު ފިޔަވަޅުތަކުގެ ސަބަބުން، ފުރާނައަށް ނުރައްކާ ދަރަޖައިގެ މަގުމަތީގެ އެކްސިޑެންޓްތައް، މިދިޔަ އަހަރާ އަޅާބަލާއިރު 33 އިންސައްތަ މަދު ކުރެވިފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.

ރާއްޖޭގައި އަމާންކަން ގާއިމުކޮށް، ގާނޫނު ތަންފީޒުކުރުމަށް މި އަހަރަކީ ކާމިޔާބު މަސައްކަތްތަކެއް ކުރެވިދިޔަ އަހަރެއް ކަމުގައި ވެސް ރައީސް ވިދާޅުވިއެވެ.

އެގޮތުން ދިވެހިރާއްޖޭގައި ހެދިފައި އޮތް އިމިގްރޭޝަން ގާނޫނު، އެންމެ ފުރިހަމައަށް ތަންފީޒުކުރުމުގެ މަސައްކަތް ފައްޓަވާފައިވާކަންވެސް އެމަނިކުފާނު ވަނީ ފާހަގަކުރައްވާފައެވެ.