އިޒްރޭލުގެ ޢުދުވާނީ ޢަމަލުތައް ކުށްވެރި ކުރަމުން ދިޔަ ކަމުގައި ވީ ނަމަވެސް، އާރާއި ބާރު ލިބިފައިވާ ވެރިންގެ ކިބައިން، އެކަށީގެންވާ ފިޔަވަޅުތަކެއް އަޅުއްވާ މަންޒަރު ފެނިގެންނުދާކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިހެން ވިދާޅުވީ ސައުދީ އަރަބިއްޔާގައި ކުރިއަށްދިޔަ ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓްގައި ތަގުރީރުކުރައްވަމުންނެވެ.

ސައުދީ އަރަބިއްޔާގެ ރިޔާޟުގައި ކުރިއަށްދިޔަ ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓުގައި ރައީސުލްޖުމްހޫރިއްޔާ ކުރެއްވި ތަގުރީރުގައި، މުސްލިމް އަދި ޢަރަބި ގައުމުތަކުން ފަލަސްތީނަށް ތާއީދުކުރަނިވި އުސޫލަކުން ފިޔަވަޅުތައް އެޅުމަށް ރައީސުލްޖުމްހޫރިއްޔާ އިލްތިމާސް ކުރެއްވިއެވެ.

”އަޅުގަނޑުމެން އުއްމަތެއްގެ ގޮތުގައި، މިހާރުން މިހާރަށް ފިޔަވަޅެއް ނާޅައިފިނަމަ، ތާރީޚުން އަޅުގަނޑުމެންގެ މައްޗަށް ހަރުކަށި ޙުކުމް ކުރާނެ،“ އެއްބައިވަންތަކަމާއި މާނަހުރި ބަދަލަކަށް މި ސަމިޓް ބަދަލުކުރުމަށް ގޮވާލައްވަމުން ރައީސުލްޖުމްހޫރިއްޔާ އިންޒާރުކުރެއްވިއެވެ.

ދުނިޔޭގެ އެކި ކަންކޮޅުތަކުގައި މުސްލިމުންނަށް ކުރިމަތިވެފައިވާ ގޮންޖެހުންތަކަށް ހައްލެއް ހޯދައި، ވަކިވެފައި އޮތް މިނިވަން، ދެ ދައުލަތުގެ ހައްލަކަށް ގްލޯބަލް އެލަޔަންސެއް ނުވަތަ ޢާލަމީ އަހްދެއް ބިނާކުރުމަށް ސަޢޫދީ ޢަރަބިއްޔާގެ ރަސްކަމުގެ ޚާންދާނުން ކުރައްވަމުންގެންދަވާ މަސައްކަތްޕުޅުތައް ފާހަގަކުރައްވައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ސަޢޫދީ ޢަރަބިއްޔާއަށް ތަޢުރީފުކުރައްވާފައެވެ.

އަދި މިކަމުގައި ސައުދީ ޢަރަބިއްޔާއިން ސާބިތުވެ އޮތުމަކީ، ފަލަސްޠީނުގެ ރައްޔިތުންނަށް އިންސާފާއި، އަމިއްލަ ނިންމުންތައް ނިންމުމުގެ ޙައްޤު ކަށަވަރުކޮށްދީ، އުއްމީދާއި ހިތްވަރު އައުކޮށްދެނިވި އަލިކަމެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ސިފަކުރައްވާފައެވެ.

ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް، އެތައް ޒަމާންތަކެއް ވަންދެން ދިގުލައި ގޮސްފައިވާ އަނިޔާވެރިކަން ނިމުމަކަށް އަންނަންޖެހޭކަން ފާހަގަކުރައްވައި، ”ފުދިއްޖެ“ ކަމަށާއި، ”ދެން އިތުރަށް އެކަން ބަރުދާސްތުކުރުމެއް ނެތް“ ކަމަށް ރައީސުލްޖުމްހޫރިއްޔާގެ ބަޔާނުގައި ވިދާޅުވިއެވެ.

ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިޒްރޭލުން ހިންގަމުން ގެންދާ އަނިޔާވެރި އިސްތިޢުމާރީ އަޅުވެތިކަމާއި ނަސްލު ނައްތާލުމުގެ ގަތުލުއާންމު ކުށްވެރިކުރައްވައި ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސުލްޖުމްހޫރިއްޔާ ވަނީ، މިދިޔަ 75 އަހަރު، ފަލަސްޠީނުގެ ރެފިއުޖީންނަށް އެހީތެރިކަން ފޯރުކޮށްދެމުންދިޔަ އދގެ ޖަމިއްޔާ (ޔޫ.އެން.އާރް.ޑަބްލިއު.އޭ.)، އިޒްރޭލުން ރޫޅާލިރޫޅާލުންވެސް ކުށްވެރިކުރައްވާފައެވެ.

އެއީ އިންތިހާއަށް މުހިންމު ޖަމިއްޔާއެއް ކަމަށާ، އެ ޖަމިއްޔާއަށް ބޭނުންވާ އެހީ ދިނުމުގައި ދެމިތިބުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިނަލްއަޤުވާމީ މުޖުތަމަޢަށް ގޮވާލައްވާފައެވެ.

މި މައްސަލައިގައި ބައިނަލްއަޤްވާމީ މުޖުތަމަޢުގެ ހަރަކާތްތެރިކަމާއި އަޅާލުންކުޑަކަމާއި، ވަކިން ޚާއްޞަކޮށް އދ.ގެ ސަލާމަތީ މަޖިލީހުގެ ޢަމަލުތައް ފާހަގަކުރައްވައި، ވީޓޯގެ ބާރުބޭނުންކުރުމުގެ ސަބަބުން މާނަހުރި ފިޔަވަޅުތަކަށް ހުރަސްއެޅި، ހަނގުރާމައިގެ ޖަރީމާތަކާއި ހަތިޔާރު ފޯރުކޮށްދިނުމުގެ މަގު ފަހިވެގެން ގޮސްފައިވާކަން ރައީސުލްޖުމްހޫރިއްޔާ ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވަމުން، ސަޢޫދީ ޢަރަބިއްޔާގެ ލީޑަރޝިޕާއި އެއްބައިވަންތަކަން މި ސަމިޓުން ދައްކުވައިދީފައިވާކަން ފާހަގަކުރައްވައި، މާނަހުރި ބަދަލުތަކެއް ގެނައުމަށްޓަކައި މުސްލިމް އަދި ޢަރަބި ޤައުމުތައް ގުޅިގެން މަސައްކަތްކުރުމަށް ގޮވާލެއްވިއެވެ.

ޖޮއިންޓް ޢަރަބް-އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސައުދީ އަރަބިއްޔާގެ ރިޔާޟަށް ވަޑައިގަތީ، މާތްވެގެންވާ ދެ ޙަރަމްފުޅުގެ ހާދިމް އަދި ސައުދީ އަރަބިއްޔާގެ ރަސްގެފާނު ހިޒް މެޖަސްޓީ ސަލްމާން ބިން އަބްދުލްއަޒީޒްގެ ދައުވަތަކަށެވެ.

މަތީ ފަންތީގެ ވަފުދަކާއެކު ކުރައްވާ މި ދަތުރުފުޅުގައި، އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން ފަލަސްތީނާއި ލުބްނާނަށް ދެމުންދާ ހަމަލާތަކާއި، ސަރަހައްދީ ހުތޫރަތްތެރި މައްސަލަތަކާމެދު، ސަރަހައްދީ އިސްވާރުން ކުރެއްވި މަޝްވަރާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.