ސައުދީ އަރަބިއްޔާގެ ރިޔާޟުގައި ކުރިއަށްދިޔަ ޖޮއިންޓް އަރަބް-އިސްލާމިކް އެކްސްޓްރާއޯޑިނަރީ ސަމިޓުގެ ހަވާސާގައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު، ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ ޗީފް އެގްޒެކެޓިވް އޮފިސަރ ހިޒް އެކްސެލެންސީ ސުލްޠާން ބިން ޢަބްދުއްރަޙްމާން އަލް މަރްޝަދާ ބައްދަލުކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި، ދެ ބޭފުޅުން މައިގަނޑުގޮތެއްގައި މަޝްވަރާކުރައްވާފައިވަނީ، ދިވެހިރާއްޖެ އާއި ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓް އެކުގައި މަސައްކަތްކުރެވިދާނެ ދާއިރާތަކާއި ދެފަރާތުގެ ދެމެދުގައި ގުޅުން ބަދަހިކުރެވޭނޭ އާގޮތްތައް ހޯދުމާ ގުޅޭގޮތުންނެވެ.

ސައުދީ ފަންޑް ފޮރ ޑިވެލޮޕްމަންޓްގެ އެހީގައި މިވަގުތު ރާއްޖޭގައި ކުރިއަށްގެންދާ މުހިންމު މަޝްރޫޢުތައް ކުރިއަށްދާ ގޮތް މި ބައްދަލުވުމުގައި މުރާޖަޢާކުރައްވާފައިވެއެވެ.

މީގެ ތެރޭގައި، ވެލާނާ އިންޓަރނޭޝަނަލް ވައިގެބަނދަރު ތަރައްޤީކުރުމާއި، އެނޫންވެސް ބިނާރާއި މަސްވެރިކަމާ ގުޅޭ މަޝްރޫޢުތައް ހިމެނެއެވެ.

ބައްދަލުވުމުގައި ދެ ބޭފުޅުންވެސް ވަނީ، މި މަޝްރޫޢުތައް ވަގުތަށް ނިންމުމުގެ ޢަޒުމުގައި ސާބިތުވެ ތިއްބެވިކަން ފާޅުކުރައްވައި، ނަތީޖާ ނެރެވޭފަދަ ތަރައްޤީގެ މަސައްކަތްތަކަށް ދެފަރާތުންވެސް އިޚްލާޞްތެރިކަމާއެކު ދޭ އަހަންމިއްޔަތު ފާހަގަކުރައްވާފައެވެ.

ދެ ބޭފުޅުންގެ ބައްދަލުކުރެއްވުން ނިންމަވާލައްވާފައިވަނީ، ދިވެހިރާއްޖެ އާއި ސަޢޫދީ ފަންޑް ފޯ ޑިވެލޮޕްމަންޓުން ހިއްސާކުރާ އިޤްތިޞާދީ އަދި ތަރައްޤީގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި، ދެފަރާތުގެ ގުޅުން ހަރުދަނާކުރުމަށާއި، ފުޅާ ދާއިރާއެއްގައި އެއްބާރުލުންދިނުމުގައި ސާބިތުވެ ތިއްބެވުމަށް އެއްބަސްވެވަޑައިގަންނަވަމުންނެވެ.