ރައީސް ޑރ. މުހައްމަދު މުއިއްޒު ބޫޓާންގެ ބޮޑުވަޒީރު ޝެރިންގް ޓޮބްގޭ އާ ބައްދަލު ކުރައްވައިފިއެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާ ބެހޭގޮތުން މަޝްވަރާކުރައްވައި، ދެމެހެއްޓެނިވި މުސްތަގްބަލަކަށް ދެ ގައުމުގެ ވިސްނުން ގެންދެވުމަށް މަޝްވަރާ ކުރައްވައިފައެވެ.

އދ. ގެ ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫއެންއެފްސީސީސީ)ގެ ދަށުން ބާއްވާ 29 ވަނަ ކޮންފަރަންސް އޮފް ދަ ޕާޓީޒް (ކޮޕް29) ގައި ބައިވެރިވެވަޑައިގަތުމަށް ރައީސް ޑރ. މުއިއްޒު މިވަގުތު ހުންނެވީ އަޒަރްބައިޖާންގެ ބާކޫގައެވެ.

ރައީސް ޑރ. މުއިއްޒު އިއްޔެ ވަނީ ސައުދީ ފަންޑު ފޯ ޑިވެލޮޕްމަންޓްގެ ސީއީއޯ ސުލްތާން ބިން އަބްދުއްރަހްމާން އަލް މަރްޝަދާ ބައްދަލުކުރައްވައިފައެވެ.

ސައުދީގައި އެ ބައްދަލުވުން ބޭއްވިއިރު، ރައީސް ޑރ. މުއިއްޒު އެ ގައުމަށް ވަޑައިގަތީ ސައުދީ އަރަބިއްޔާގެ ވެރިރަށް ރިޔާދުގައި މިހާރު ކުރިއަށްދާ ޖޮއިންޓް އަރަބް-އިސްލާމިކް ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށެވެ. އެމަނިކުފާނު ވަނީ އެ ސަމިޓްގައި އިއްޔެ ތަގްރީރު ވެސް ކުރައްވައިފައެވެ.