އުމުރުން 65 އަހަރުން މަތީގެ މީހުންނަށް ކޮންމެ މަހަކު ދައުލަތުން ދޭ އަސާސީ ޕެންޝަން ތަނަވަސް ފަރާތްތަކަށް ނުލިބޭ ގޮތަށް ހަމަޖައްސަން ނިންމައިފިއެވެ.

މިހާރު އަސާސީ ޕެންޝަންދޭ އުސޫލު އޮންނަ ގޮތުން އުމުރުން 65 އަހަރުން މަތީގެ އެންމެންނަށް އަސާސީ ޕެންޝަންގެ ގޮތުގައި 5،000 ރުފިޔާ ލިބެއެވެ.

ފިނޭންސް މިނިސްޓްރީން މިއަދު އާންމުކުރި 2025 ވަނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ތަފުސީލުގައި ބުނެފައިވަނީ، ރާއްޖޭގައި ދަރިމައިވުމުގެ ރޭޓު އާބާދީ ރިޕްލޭސްކުރެވޭ ވަރަށްވުރެ ދަށަށް ގޮސް، ދިރިހުންނާނެ ކަމަށް އަންދާޒާކުރެވޭ އުމުރު މައްޗަށް ގޮސް، 65 އަހަރުން މަތީގެ މީހުން، މަސައްކަތްކުރާ އުމުރުފުރާގެ މީހުންނަށް ބަރޯސާވާންޖެހޭ މިންވަރު ލަފާކުރާ މިންގަނޑު މުސްތަގުބަލުގައި މައްޗަށް ދާނެ ކަމަށް އަންދާޒާކުރެވޭ ކަމަށެވެ.

މިނިސްޓްރީން ބުނީ އަންނަ އަހަރު އުމުރުން ދުވަސްވީ މީހުންނަށް ދޭ ޕެންޝަނަށް 1.45 ބިލިއަން ރުފިޔާ އަދި ދައުލަތުގެ މުއައްސަސާތަކުން ރިޓަޔާވާ ފަރާތްތަކަށް ދައުލަތުގެ ބަޖެޓުން 325 މިލިއަން ރުފިޔާ ހަރަދުކުރަން ޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ.

އަދި ޕޭ ހާމަނައިޒޭޝަނާއެކު ރިޓަޔަމަންޓް އިނާޔަތް ދިނުމުގެ އުސޫލު ތަންފީޒު ނުކުރެވިއްޖެ ނަމަ 2055 ވަނަ އަހަރު ޖުމުލަ 7.89 ބިލިއަން ރުފިޔާ ނުވަތަ އެ އަހަރުގެ ނޮމިނަލް ޖީޑީޕީގެ 2.8 ޕަސެންޓާ އެއްވަރުގެ އަދަދެއް ޕެންޝަން ސްކީމަށް ދައުލަތުގެ ބަޖެޓުން ހަރަދުކުރަންޖެހޭނެ ކަމަށް އަންދާޒާކުރެވޭ ކަމަށްވެސް ބުންޏެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި ހަރަދު ދެމެހެއްޓެނިވި ގޮތެއްގައި ދިނުމަށްޓަކައި އޭޕްރިލް 2025 އިން ފެށިގެން ފޯރުންތެރިކަމަށް ބަލައި އެންމެ މަދުން އާމްދަނީ ލިބޭ މީހުންގެ ތެރެއިން 65 އަހަރު ވެފައިވާ މީހުންނަށް އެކަނި ދެވޭ އިނާޔަތަކަށް ބަދަލުކުރުމަށް ނިންމާފައިވާ ކަމަށެވެ.

ނަމަވެސް އެންމެ މަދުން އާމްދަނީ ލިބޭ މީހުންގެ ގޮތުގައި ބަލާނީ އެންމެ މަތިން ކިހާ ވަރަކަށް ލިބޭ މީހުން ކަމެއް ބުނެފައެއް ނުވެއެވެ.

މީގެ އިތުރުން،.ވަޒީފާއިން ރިޓަޔާވެގެން ލިބޭ ޕެންޝަނާއި ދައުލަތުން ދޭ އަސާސީ ޕެންޝަން ވެސް ލިބޭ މީހުން ގިނަވެ ޑަބަލް ޕެންޝަންގެ މައްސަލަ ހައްލު ކުރުމަށް ގާނޫނަށް ގެންނަން ޖެހޭ ބަދަލުތައް ހުށަހަޅާނެ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފައިވެއެވެ.