އދގެ ފްރޭމްވަރކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖް (ޔޫ.އެން.އެފް.ސީ.ސީ.ސީ)ގެ ދަށުން ބާއްވާ 29 ވަނަ ކޮންފަރަންސް އޮފް ދަ ޕާޓީޒް (ކޮޕް29) ގެ ވޯލްޑް ލީޑަރސް ކްލައިމެޓް އެކްޝަން ސަމިޓް ހުޅުވުމުގެ ސެޝަންގައި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަންނަވައިފިއެވެ.

ކޮޕް29ގެ މިއަހަރުގެ ޝިއާރަކީ ”އިން ސޮލިޑަރިޓީ ފޮ އަ ގްރީން ވޯލްޑް“އެވެ.

މި ކޮންފަރެންސަކީ މޫސުމީ ބަދަލުތަކާއި ވިލުންވެރިކަމުގެ މަސައްކަތާއި ދެމެހެއްޓެނިވި ތަރައްގީގައި ރާއްޖެ ކުރަމުންދާ މަސައްކަތްތައް ދުނިޔެއާއި ހިއްސާކޮށް، ތަރައްގީ ވަމުން އަންނަ ޖަޒީރާ ކުދި ގައުމެއްގެ ޙައިސިއްޔަތުން ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް މަގުފަހިކޮށްދޭ ކޮންފަރެންސެކެވެ.

ތަރައްގީ ވަމުން އަންނަ ޖަޒީރާ ކުދި ގައުމުތައް ނުވަތަ ސްމޯލް އައިލެންޑް ޑިވެލޮޕިންގ ނޭޝަންސްއަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯއްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ މިއަހަރުގެ ކޮންފަރެންސްގައިވެސް ވަކާލާތުކުރައްވާނެއެވެ.

މިދިޔަ އަހަރު ބޭއްވި ކޮޕް28 ގައިވެސް ރައީސް ވަނީ މޫސުމީ ބަދަލުތަކާއި ވިލުންވެރިކަމަށް ރާއްޖެއިން ކުރުމަށް ނިންމާފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުއްވާލައްވައި ވާހަކަފުޅުދައްކަވާފައެވެ.

އެގޮތުން، ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމެއް ފެށުމާއި ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިން ސައްތަ އަކީ އިޔާދަކުރުވަނިވި ހަކަތައިން އުފައްދާ ހަކަތައަށް ހެއްދެވުމުގެ ވައުދުވަނީ އެ ޖަލްސާގައި އިއުލާންކުރައްވާފައެވެ.

ކޮޕް29ގެ އެޖެންޑާގައި، އެންހޭންސްޑް ޓްރާންސްޕޭރެންސީ ނެޓްވަރކް ފުރިހަމަކުރުމަށާއި، ހުރިހާ މެންބަރުން ހިއްސާކުރާ މާލީ އައު ލަނޑުދަނޑިއެއް ކަނޑައެޅުމަށާއި، ބައިނަލްއަގްވާމީގޮތުން އެއްބާރުލުންދިނުން އިތުރުކުރުމަށާއި، ނޭޝަނަލީ ޑިޓަރމައިންޑް ކޮންޓްރިބިއުޝަންސް (އެން.ޑީ.ސީ) ތަރައްގީ ކުރުމުގައި ހުރި ގޮންޖެހުންތަކުން އަރައިގަނެވޭނޭ ގޮތްތަކާމެދު މަޝްވަރާކުރުމަށް ސަމާލުކަން ދިނުމަށް ވަނީ ނިންމާފައެވެ.

މި ސެޝަންގެ ކުރިން ކޮންފަރެންސްގެ ބައިވެރިން ވަނީ ގްރޫޕް ފޮޓޯއެއް ނަންގަވާފައެވެ.

ކޮޕް29 ގައި ރައީސް ތަގުރީރުކުރެއްވުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުއެވެ.

މި ތަގުރީރުގައި ރާއްޖޭގެ މޫސުމީ ބަދަލުތަކުގެ ލަނޑުދަނޑިތަކާއި ވިލުންވެރިކަމުގެ އަމާޒުތަކަށް އެމަނިކުފާނު އަލިއަޅުއްވާލައްވާނެއެވެ.