ކާރެއްގެ ތެރޭގައި މީހަކު ރަހީނުކޮށް، އާއިލާ އަށް ގުޅައި ފައިސާއަށް އެދުނު މައްސަލައިގައި، ސީން އިން ހައްޔަރު ކުރި އިތުރު ބައެއްގެ މައުލޫމާތު ފުލުހުން ހާމަކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރު ކުރި މީހާގެ ފޮޓޯ މީގެ ކުރިން އާއްމުކޮށް، ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އިއްޔެ ރޭ، ހުޅުމާލޭގެ އޯކިޑުމާ ހިނގުމުގައި، ކާރެއްގެ ތެރޭގައި ދިވެހި ފިރިހެނަކު ރަހީނުކޮށް، ހިފަހައްޓައި، އަނިޔާކޮށް ބިރު ދައްކައި، އެމީހާގެ އާއިލާ މީހުންނަށް ގުޅައި، ފައިސާއަށް އެދުނު މައްސަލައާ ގުޅިގެން މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ހައްޔަރު ކުރީ މާލެ ދަފްތަރު، އާރްއެސް 9022 ތޮލާލް މޫސާއެވެ. އޭނާގެ އުމުރުން 37 އަހަރެވެ.

ފުލުހުން ބުނީ، މި މައްސަލައިގައި ތޮލާލްގެ އިތުރުން، ހަތަރު މީހަކު ހައްޔަރު ކުރި ކަމަށެވެ.

1. ހދ.ކުމުންދޫ، ރަތްބަގީޗާގެ، ހުޝާމް އިބްރާހީމް(34 އ)

2.މާލެ، ގ.ކަޅަގާރިމާގެ، ހުސެއިން ހައިކަލް ނިޔާޒް (23 އ)

3. ހދ.ކުމުންދޫ، ރަތްބަގީޗާގެ، އާދަމް ޝަރީފު (36 އ)

4.ހުޅުމާލެ ފްލެޓް ނަމްބަރު  04-1-71 އަހުމަދު ރިޝްފާން (26 އ)

ފުލުހުން ބުނީ، ތޮލާލް އާއެކު، މި މައްސަލައިގައި ހިމެނޭ މި ހަތަރު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ހުޅުމާލެ މެޖިސްޓްރޭޓް ކޯޓަށް ހާޒިރު ކުރުމުން، އެންމެން ވެސް 07 ދުވަހަށް ބަންދު ކުރުމަށް އަމުރު ކޮށްފައިވާ ކަމަށެވެ.

އަދި މި މައްސަލަ ތަހުގީގު ކުރަމުންދާ ކަމަށް ވެސް ބުންޏެވެ.

މާލެ ސަރަހައްދުގައި މީހުން ރަހީނުކޮށް، ފޭރުމުގެ މައްސަލަތައް ދަނީ އިތުރުވަމުންނެވެ.