މާލެ ސަރަހައްދުން ގްރޭޑު އެކަކަށް ވައްދަން ފޯމުތައް ލަސްނުކޮށް ހުށަހަޅަން އެޑިއުކޭޝަން މިނިސްޓްރީން އިލްތިމާސްކޮށްފިއެވެ.

އެޑިއުކޭޝަން މިނިސްޓްރީން މިކަމަށް އިލްތިމާސް ކުރީ، އިއްޔެ ކުރި އިއުލާނެއްގައެވެ.

އެ އިއުލާނުގައި ބުނީ މާލޭ ސަރަހައްދުން އެކަކަށް ވައްދަން ފުރުސަތު ހުޅުވާލުމުން ގިނަ އަދަދެއްގެ ފޯމުތައް ހުށަހެޅި ކަމަށެވެ.

އަދި އެކަކަށް ވައްދަން ފޯމު ހުށަހެޅުމުގެ މުއްދަތު ހަމަވާން ތިން ދުވަހަށް ވެފައިވާ އިރު އަދިވެސް މަދު ބަޔަކު ފޯމު ހުށަނާޅާ ކަމަށް ވެސް މިނިސްޓްރީން ބުންޏެވެ.

މިނިސްޓްރީން އިތުރަށް ބުނީ ފޯމު ހުށަހެޅުމަށް ދެވަނަ ފުރުސަތަކަށް ހުޅުވާލަން ޖެހިއްޖެ ހާލަތެއްގައި ފަހުން ފޯމު ހުށަހަޅާ ފަރާތްތަކަށް އިސްކަން ދޭނީ ފުރަތަމަ ފޯމު ހުށަހެޅި ފަރާތްތަކަށް އިސްކަން ދިނުމަށް ފަހު ކަމަށެވެ.

މި ހާލަތުގައި އެކުދިންނާ އެއް އާއިލާއެއްގެ ކުދިން އުޅޭ ސްކޫލުތަކުން ޖާގަ ނުލިބުމުގެ ފުރުސަތު ބޮޑުވާނެ ކަމުގައި ވެސް، އެ މިނިސްޓްރީގެ އިއުލާނުގައި ބުނެފައި ވެއެވެ.

އެހެންކަމުން ލަސްނުކޮށް ފޯމުތައް ހުށަހެޅުމަށް އެޑިއުކޭޝަން މިނިސްޓްރީން ވަނީ އެދިފައެވެ.