ދުރާލާ އިންޒާރު ދޭ ނިޒާމުތަކަކީ ދިރިއުޅުމާއި ތަނަވަސްކަމަށް ކުރެވޭ އިންވެސްޓްމަންޓެއް ކަމަށާއި، ހަމަ އެހެންމެ، އެއީ މަޢުނަވީ އަދި އިޤްތިޞާދީ ޟަރޫރަތެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ، އަޒަރުބައިޖާންގައި މިހާރު ކުރިއަށްދާ ކޮންފަރެންސް އޮފް ޕާޓީސް ގެ 29 ވަނަ ސެޝަން (ކޮޕް29)ގައި، އެކުވެރި ދައުލަތްތަކުގެ ސެކްރެޓަރީ ޖެނެރަލް އިންތިޒާމު ކުރެއްވި، ”ހައި-ލެވަލް އިވެންޓް އޮން ޑެލިވަރިންގް އަރލީ ވޯރނިންގްސް ފޮރ އޯލް އެންޑް އެޑްރެސިންގް އެކްސްޓްރީމް ހީޓް“ގައި ތަޤުރީރުކުރައްވަމުންނެވެ.

މަތީ ފަންތީގެ މި އިވެންޓްގައި ރައީސް ދެއްކެވި ވާހަކަފުޅުގައި ސެންޑާއި ފްރޭމްވަރކްއަށް ދިވެހިރާއްޖެއިން ދޭ އަހަމިއްޔަތުކަން ފާހަގަކުރައްވަމުން، ދުރާލާ އިންޒާރު ދޭ ނިޒާމާ ގުޅުންހުރި އިސްތިރާޖީ މަގުޗާޓެއް ޤައުމީ ފެންވަރުގައި އެކުލަވާލި ގައުމަކީ ދިވެހިރާއްޖެކަން ފާހަގަކުރެއްވިއެވެ. ރާއްޖޭގެ 20 އަހަރުގެ ތަރައްގީގެ ޕްލޭނުގައި، މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާއި ކާރިސާތަކަށް ތައްޔާރުވުމުގެ އިތުރުން، ދުރާލާ އިންޒާރު ދިނުމާ ގުޅޭ ކަންކަމަށް ހާއްސަ ސަމާލުކަމެއް ދެވޭނެކަންވެސް ރައީސް ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ.

މި މޭރުމުން ވާހަކަފުޅު ކުރިއަށްގެންދަވަމުން ރައީސް ވަނީ މި ރޮނގުން، ފަހުގެ ތާރީހުގައި ދިވެހިރާއްޖެއިން ހޯދާފައިވާ ކާމިޔާބީތަކަށް އަލިއަޅުއްވާލައްވާފައެވެ.

އެގޮތުން، މޫސުމީ ނޭދެވޭ ބަދަލުތަކުގެ އަސަރު ދެނެގަތުމަށްޓަކައި ކާރީޘާތަކުން ލިބޭ ގެއްލުން ރެކޯޑްކުރާނެ ޑޭޓާބޭސްއެއް ޤާއިމުކޮށް، އަވަސް އިޖާބައަށް މަގުފަހި ކުރުމަށްޓަކައި، މައުލޫމާތު އެއްކުރުމުގެ ނިޒާމު ޑިޖިޓަލައިޒްކުރުން ފަދަ ކުރިއެރުންތަކެއް ހޯދިފައިވާކަން ފާހަގަކުރެއްވިއެވެ.

އެގޮތުން އާންމު އިންޒާރު ދޭ އުސޫލު، ނުވަތަ ކޮމަން އެލަރޓިންގް ޕްރޮޓޮކޯލް (ކެޕް) ހަރުދަނާ ކުރުމާއި، އިމްޕެކްޓް ބޭސްޑް ފޯކާސްޓިންގ ސިސްޓަމްތައް ހަރުދަނާކުރުމަކީ ދިވެހި ސަރުކާރުން ވަރަށް ބޮޑު އިސްކަމެއްދޭ ކަންތައްތަކެއްކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ހައި-ލެވަލް އިވެންޓް އޮން ޑެލިވަރިންގް އަރލީ ވޯރނިންގްސް ފޮރ އޯލް އެންޑް އެޑްރެސިންގް އެކްސްޓްރީމް ހީޓްގައި ތަޤުރީރުކުރައްވަމުން ރައީސް ވަނީ، މޫސުމީ ނޭދެވޭ ބަދަލުތަކުގެ ނުރައްކާތަކަށް ވިލުންވެރި ރާއްޖެއެއް ބިނާކުރުމަށްޓަކައި، ބައިނަލްއަޤުވާމީ އެއްބާރުލުމާއި ވަޞީލަތްތަކުގެ އެހީތެރިކަން، އަދި ވަކިން ޚާއްޞަކޮށް، މެރީން ފޯރކާސްޓިންގްގެ ރޮނގުން އެހީ ބޭނުންވާކަން ހާމަކުރައްވާފައެވެ.