ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު، އދ. ގެ ސެކްރެޓަރީ ޖެނެރަލް އެންޓޯނިއޯ ގުޓެރޭޒްއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުން އޮތީ ޔޫނައިޓެޑް ނޭޝަންސް ފްރޭމްވޯކް ކޮންވެންޝަން އޮން ކްލައިމެޓް ޗޭންޖު (ޔޫއެންއެފްސީސީސީ) ގެ ކޮންފަރެންސް އޮފް ޕާޓީސްގެ 29 ވަނަ ސެޝަން (ކޮޕް29)ގެ ހަވާސާގައެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް މުއިއްޒު ވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރުތައް އިތުރުވުމާއި އަދި ތަރައްގީވަމުން އަންނަ ކުދި ޖަޒީރާ ގައުމުތައް ނުވަތަ ސިޑްސްއަށް ކުރިމަތިވަމުންދާ ގޮންޖެހުންތައް ހައްލުކުރުމަށް ބައިނަލްއަގުވާމީ މާލީ އިދާރާތަކުގެ އެހީތެރިކަމުގެ މުހިންމުކަމުގެ މައްޗަށް އަލިއަޅުއްވާލައްވާފައެވެ.
މީގެ އިތުރުން ސިޑްސް ގައުމުތަކުގެ މައްސަލަތަކަށް ވަކާލާތު ކުރުމުގައި އދ. އިން ކުރަމުންދާ މަސައްކަތްތަކަށް ރައީސް ޝުކުރުއަދާކުރެއްވިއެވެ.
މިބައްދަލުކުރެއްވުމުގައި ސެކްރެޓަރީ ޖެނެރަލް ދެއްކެވި ވާހަކައިގައި ސިޑްސް ގައުމުތަކުގެ މައްސަލަތަކަށް ދެމެހެއްޓެނިވި ހައްލުތަކެއް ހޯދުމަށް އދ އިން ކުރަމުންދާ މަސައްކަތްތައް މެދުނުކެނޑި ކުރިއަށް ގެންދަވާނެކަން ފާހަގަކުރައްވައި، ބައިނަލްއަގުވާމީ މާލީ އިދާރާތައް މި މަސައްކަތުގައި ޝާމިލުކުރުމަށް ކުރެވެމުންދާ މަސައްކަތްތަކުގެ މައްޗަށް އަލިއަޅުއްވާލައްވާފައިވެއެވެ.

