މި އަންނަ 2025 ވަނަ އަހަރަށް ލަފާކޮށް ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބަޖެޓަކީ، މިހައިތަނަށް ތަރައްގީގެ އެންމެ ގިނަ މަޝްރޫއުތައް ހިންގޭނެ ބަޖެޓަށް ވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިނގިރައިދޫ ދާއިރާގެ މެމްބަރު އިބްރާހީމް ފަލާހު ވިދާޅުވެއްޖެއެވެ.
ފަލާހު މިގޮތަށް ވިދާޅުވީ، ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަންނަ އަހަރަށް ލަފާކޮށް މަޖިލީހަށް ހުށަހެޅި ބަޖެޓުގެ ބަހުސްގައެވެ.
އޭނާ ވިދާޅުވީ، ބަޖެޓާ ދެކޮޅަށް ވާހަކަ ދެއްކުމުގެ ކުރީން، ބަޖެޓު ފޮތް، އެއްކޮޅުން އަނެއްކޮޅަށް ބައްލަވައިލެއްވުން، ރައްޔިތުންގެ އަރިހުން އެދިވަޑައިގަންނަވާ ކަމަށެވެ.
”މި ބަޖެޓު ފޮތުން ފަރުވާ ނުލިބޭ، މި ބަޖެޓު ފޮތުން އެހީތެރިކަމެއް ނުލިބޭ އެއްވެސް ރައްޔިތަކު ނުހުންނާނެ.“ އޭނާ ވިދާޅުވިއެވެ.
ފަލާހު ވިދާޅުވީ، އާސަންދައާއި، އުމުރުން ދުވަސްވީ މީހުންގެ އިނާޔަތް ސަރުކާރުން ކަނޑައިނުލާނެ ކަމަށާއި، ރައީީސް ޑރ.މުހައްމަދު މުއިއްޒު އަކީ ރައްޔިތުންނަށް ހިދުމަތް ކުރެއްވުމުގައި ނަމޫނާ ބޭފުޅެއް ކަމަށެވެ.
ފަލާހު އިތުރަށް ވިދާޅުވީ، ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދުފުޅު ތަކަކީ، މީހުން ދިރިއުޅޭ 70 ޕަސެންޓް ރަށްތަކަށް ޒިޔާރަތްކުރައްވައި ރަށްރަށަށް ބޭނުންވާ ހުރިހާކަމެއް އޮޅުން ފިލުއްވައި، އެކަންކަން ބެއްލެވުމަށްފަހު ވެވަޑައިގެންނެވި ވައުދުފުޅު ތަކެއް ކަމަށެވެ.

