ކޮވިޑް-19ގެ ޕެންޑެމިކްގެ ތެރޭގައި ހިލޭ އެހީގެ ގޮތުގައި ލިބުނު ހަތަރު ބިލިއަން ރުފިޔާއަށް ވީގޮތާމެދު އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ސުވާލު އުފައްދަވައިފިއެވެ.
ޕީއެސްއެމް އިން ގެނެސްދިން ”ހަފްތާ 52“ ފޯރަމްގައި ވާހަކަދައްކަމުން މިނިސްޓަރު ސައީދު ވިދާޅުވީ ކޮވިޑް މެނޭޖްކުރުމަށްޓަކާ އެކުވެރި ދައުލަތްތަކުންނާއި އެކި އިދާރާތަކުން އޭރުގެ ސަރުކާރާއި 565 މިލިއަން ޑޮލަރު ނުވަތަ 8.7 ބިލިއަން ރުފިޔާގެ ހިލޭ އެހީ ދިން ކަމަށެވެ.
ކުރީ ސަރުކާރުން ހަދާފައިވާ އެކްސްޕެންޑިޗާ ރިޕޯޓްތަކުން ދައްކާ ގޮތުގައި ކޮވިޑަށް ކުރި ހަރަދު ކަމަށް ބުނާ އަދަދަކީ 4.2 ބިލިއަން ރުފިޔާ ކަމަށާއި ނަމަވެސް އަނެއް 4 ބިލިއަން ރުފިޔާ އަށް ވީގޮތެއް ނޭނގޭ ކަމަށް ސައީދު ވިދާޅުވިއެވެ.
”އަޅުގަނޑުގެ ސުވާލަކީ ކޮބާހޭ ކޮވިޑަށް ލިބުނު އަނެއް 4 ބިލިޔަން ރުފިޔާ. އެ ފައިސާ ދިޔައީ ކޮންބައެއްގެ އެކައުންޓްތަކަށްތޯ އެ ފައިސާ ދިޔައީ. މި ކަންކަން ނުބެލޭކަމަށްވަންޏާ ރައްޔިތުންގެ އިތުބާރު އެބަޔަކާ ދޭތެރޭގައި ގެއްލިގެންދާތަން މާޒީގައި ފެނިފައި އޮތީ،“ ސައީދު ވިދާޅުވިއެވެ.
މިނިސްޓަރު ސައީދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމުގެ ހުވާކުރެއްވި އިރު، އެ މަނިކުފާނާ ބައްދަލުކުރީ ވަރަށް ނުރައްކާތެރި ހާލަތެއް ކަމަށެވެ.
އެއީ ނުރައްކާތެރި ދަރަނީގެ ހާލަތަކާއި ސަރުކާރު ހިއްސާވާ ކުންފުނިތައް ދަރާފައިވުން ކަމަށާއި، އޭރު ކާޑާއި ތެޔޮ ގަތުމަށް އެއް މަސްދުވަހުގެ ފައިސާ ރިޒާވްގައި ހުރި އިރު، 200 އެތައް މިލިއަން ޑޮލަރެއް ހުރި ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ވެސް ހުރީ ތިން މިލިއަން ޑޮލަރު ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

