ރެކްރޫޓް ފުލުހަކު އޭނާ ކުރީގެ ލޯބިވެރިޔާއަށް ބިރުދައްކާ، ބްލެކްމެއިލް ކުރުމުގެ ތުހުމަތުގައި ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ އއ. މަތިވެރި ޕޮލިސް ސްޓޭޝަންގައި މަސައްކަތް ކުރާ އެ ރަށު ފަޒާ، ޒައިދާން މުހައްމަދު (19 އ)އެވެ.

ފުލުހުން ބުނީ ޒައިދާން ހައްޔަރުކުރީ އޭނާގެ ލޯބިވެރިޔާއަށް ބިރުދައްކައި އޭނާގެ އޮރިޔާން މަންޒަރު ދައްކުވައިދޭ ފޮޓޯއާއި ވީޑިއޯ ސޯޝަލްމީޑިއާގައި ލީކް ކޮށްލާނެ ކަމަށް ބުނެ ބިރުދައްކައި، އިންޒާރުދީ އަދި ބްލެކްމެއިލް ކުރި ކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ކަމަށެވެ.

އިއްޔެގެ ވަގުތެއްގައި ޒައިދާން ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ޒައިދާންގެ ބަންދާ މެދު ގޮތެއް ނިންމުމަށް މަތިވެރި މެޖިސްޓްރޭޓް ކޯޓަށް ހާޒިރުކުރުމުން ކޯޓުން މިއަދު ވަނީ އޭނާގެ ބަންދަށް ތިން ދުވަސް ދީފައެވެ.

ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.