މަޖަލަކަށް 911 ކޯލް ސެންޓަރަށް ނުގުޅުމަށް ހޯމް މިނިސްޓަރު އަލީ އިހުސާން އިލްތިމާސްކުރައްވައިފިއެވެ.
މިނިސްޓަރު އެފަދައިން އިލްތިމާސްކުރެއްވީ ކުއްލި ހާލަތްތަކުގައި ގުޅޭނެ 911 ކޯލް ސެންޓަރު އިފްތިތާހުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި ވާހަކަ ދައްކަމުންނެވެ.
މިނިސްޓަރު ވިދާޅުވީ 911 ފަދަ ނަންބަރެއް ތައާރަފްވެގެން އަންނައިރުގައި އާދަކާދަ ހުންނަ ގޮތުން މި ނަންބަރަށް ވަރަށް ގުޅާހިތްވާނެކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ.
އެހެން ނަމަވެސް މި ނަންބަރަކީ އިމެޖެންސީ ހާލަތުގައި އެ ހިދުމަތް ބޭނުންކުރާ މީހާއަށް ހިދުމަތް ދޭ ނަންބަރަކަށް ވާތީ ”ޕްރޭންކް“ ނުވަތަ ސަމާސާ ކޯލުތައްކުރުމާއި ގުޅައިގެން ނުވާނެ ހާލަތްތަކުގައި އެ ނަންބަރަށް ގުޅުމަކީ އެ ހިދުމަތް ދިނުމަށް އެޅޭ ވަރަށް ބޮޑު ހުރަހަކަށް ވެގެންދާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
911ގެ ހިދުމަތް ފެށުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައި އެ ހިދުމަތުގައި ބައިވެރިވާ ފުލުހުންނާއި ސިފައިން އަދި ސިއްހީ ދާއިރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވި އިރު، ރަސްމިއްޔާތު ޝަރަފުވެރިކޮށްދެއްވީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާނެވެ.

