ރާއްޖޭގެ ސިއްހީ ނިޒާމުގައި ހުރި އެތައް މައްސަލައެއް ހައްލު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަމުން ގެންދަވާ މަންޒަރު ފެންނަމުންދާ ކަމަށް ހެލްތު މިނިސްޓަރު ނާޒިމް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ދަރުމަވަންތަ ހޮސްޕިޓަލު ޓާޝަރީ ފެންވަރުގައި ރަސްމީކޮށް ހުޅުވުމަށް ރޭ ބޭއްވި ރަސްމިއްޔާތުގައެވެ.
މި ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ ތެރޭގައި، ބަލިވުމުން ބޭސްފަރުވާގެ ނިޒާމް ހަރުދަނާކުރުމާއި ބަލިމަޑުކަމުން ދުރުހެލިވެ ތިބުމަށްޓަކައި ދުޅާހެޔޮ އާބާދީއެއް މި ގައުމުގައި ބިނާކުރުމާއި ސިއްހީ ދާއިރާގެ ގަވަނަންސް ހަރުދަނާކުރުމަށްޓަކައި ކުރައްވަންޖެހޭ އެތައް މަސައްކަތްތަކެއް މި 52 ހަފްތާގެ ތެރޭގައި ރައީސްގެ ސީދާ ބެލުމުގެ ދަށުން ފެށިފައިވާ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުން މަސައްކަތް ކުރައްވަމުން ގެންދަވަނީ ރައްޔިތުންގެ ކަންބޮޑުވުންތައް ބައްލަވާ، އެކަންކަން ހައްލުކޮށްދެއްވުމަށްކަމަށެވެ.
އެގޮތުން ދިވެހި ރައްޔިތުންނަށް ކުރިއަށްއޮތް 4 އަހަރު ސިއްހީ ދާއިރާއަށް ގެންނަ ތަރައްްގީއާއި ކުރިއެރުމުން ފެންނާނީ ރާއްޖޭގެ ސިއްހީ ނިޒާމުގައި މުޅިން އައު ބާބެއް ލިޔެވިގެންދާ މަންޒަރުކަމަށް ވެސް މިނިސްޓަރު ނާޒިމް ވިދާޅުވިއެވެ.
ރޭގެ ރަސްމިއްޔާތުގައި ދަރުމަވަންތަ ހޮސްޕިޓަލުގައި އަލަށް ތައާރަފް ކުރެވުނު ހިދުމަތްތަކާބެހޭ ވީޑިއޯ ރިޕޯޓު ބައްލަވާލެއްވުމަށްފަހު ރައީސް މުއިއްޒު ވަނީ އެ ހޮސްޕިޓަލުގައި އަލަށް ތައާރަފް ކުރެވުނު އެ ހޮސްޕިޓަލުގެ ކުޑަކުދިންނަށް ހާއްސަ އީ.އާރު، ހައިބްރިޑް ކެތުލެބް އަދި ނޭޝަނަލް ފަރޓިލިޓީ ސެންޓަރ ބައްލަވާލައްވައި، އެތަންތަނުން ދޭ ހިދުމަތްތަކާބެހޭ މައުލޫމާތު އޮޅުންފިލުއްވާފައެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި މި މަހުގެ 10 ވަނަ ދުވަހުގެ ރޭ ދަރުބާރުގޭގައި ބޭއްވި ރަސްމީ އިހުތިފާލުގައި، ގައުމާ މުޚާޠަބު ކުރައްވައި ވާހަކަފުޅު ދައްކަވަމުން ރައީސް ވަނީ ސިއްހީ ދާއިރާ ކުރިއެރުވުމަށް ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅުގެ ތެރެއިން މާލޭގައި ހުރި ދަރުމަވަންތަ ހޮސްޕިޓަލާއި، ހުޅުމާލޭ ހޮސްޕިޓަލަކީ ޓަރޝަރީ ފެންވަރަށް ހިދުމަތްދޭ ހޮސްޕިޓަލުތަކެއްގެ ދަރަޖައަށް ތަރައްގީކޮށް، މި މަހުގެ މެދެއްހާ ހިސާބުގައި ރަސްމީކޮށް ހިދުމަތްދޭން ފެށޭނެކަން އިއުލާނު ކުރައްވާފައެވެ.

