އެންވަޔަރަންމަންޓް މިނިސްޓަރ ތޯރިގު އިބްރާހީމް ކޮޕް29 ގެ ދިވެހިރާއްޖޭގެ ސައިޑް އިވެންޓްގައި ރާއްޖޭގެ ހަކަތައިގެ ރޯޑްމެޕް ތައާރަފްކޮށްދެއްވައިފިއެވެ.
މި ރޯޑްމެޕްގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވަޢުދުވެވަޑައިގެންފައިވާ ގޮތަށް 2028 ވަނަ އަހަރާ ހަމައަށް ރާއްޖޭގައި އުފައްދާ ކަރަންޓުގެ 33 އިންސައްތަ އިއާދަކުރަނިވި ހަކަތައިން އުފެއްދުމަށް ކުރާނެ މަސައްކަތްތަކުގެ ތަފްސީލު ހިމެނިފައިވެއެވެ.
މިނިސްޓަރ ތޯރިގު ވިދާޅުވީ މި ރޯޑްމެޕަކީ ރާއްޖޭގެ ހަކަތައިގެ ދާއިރާ ކުރިއެރުވުމަށާއި ތިމާވެށި ހިމާޔަތްކުރުމަށް އެޅޭ މުހިންމު ފިޔަވަޅެއް ކަމަށެވެ.
އަދި މި ލަނޑުދަނޑި ހާސިލްކުރުމަށް ސަރުކާރުން ގިނަގުނަ މަސައްކަތްތަކެއް ކުރާނެ ކަމަށް ވެސް ވިދާޅުވިއެވެ.
ކޮޕް29 ގައި ބޭއްވި މި ހާއްސަ އިވެންޓްގައި ރާއްޖޭގެ އެކި ދާއިރާތަކުން ބައިވެރިވި ފަރާތްތަކުގެ އިތުރުން ބައިނަލްއަގްވާމީ ޖަމިއްޔާތަކުގެ މަންދޫބުން ވެސް ބައިވެރިވިއެވެ.
މި ރޯޑްމެޕް ތަންފީޒުކުރުމަށް ބޭނުންވާ އެހީތެރިކަން ފޯރުކޮށްދިނުމަށް ގިނަ ފަރާތްތަކުން ޝައުޤުވެރިކަން ފާޅުކުރިއެވެ.

