ސިނާޢަތެއް ފުނޑާލުމަކީ ރައްޔިތުންގެ ފަޅިއަށް އެރުން ނޫން ކަމަށް އެމްޑީޕީގެ ރައީސް ޝާހިދު ވިދާޅުވެއްޖެއެވެ.

އޭނާ މިހެން ވިދާޅުވެފައިމިވަނީ މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އިން އަލަށް އެކުލަވާލައި ގެޒެޓުކޮށްފައިވާ ”މަނީ ޗޭންޖިން ވިޔަފާރިއާ ބެހޭ ގަވާއިދު“ގެ ދަށުން ޑޮލަރު މާރު ނުކުރާނެ ކަމަށް ރާއްޖޭގެ ޓޫރިޒަމް ދާއިރާގެ ބައެއް ކުންފުނިތަކުން ބުނެފައިވަނިކޮށެވެ.

ކުރީގެ ހާރިޖީ ވަޒީރު ޝާހިދު މީސްމީޑިއާގައި އިއްޔެ ކުރައްވައިފައިވާ ޕޯސްޓެއްގައި ވިދާޅުވީ ބޭރު ފައިސާއާ ބެހޭ ގަވާއިދާއި މަނީޗޭންޖިން ވިޔަފާރިއާއި ބެހޭ ގަވާއިދަށް ބަދަލުތައް ގެނައުމުގައި ކަމާއި ގުޅުންހުރި ފަރާތްތަކާއި މަޝްވަރާ ނުކޮށް ސަރުކާރުން ކަންކަން ކުރަން އުޅުމުން ފެންނަނީ އެންމެ ބޮޑު ސިނާޢަތަށް ބޮޑެތި ގެއްލުންވާ މަގަށް ކަންކަން ދާތަން ކަމަށެވެ.

އޭނާ ވިދާޅުވީ އިގްތިސާދުގެ މައިބަދައަކީ ކޮންމެ ގައުމެއްގައި ވެސް ރައްޔިތުންގެ ތެރެއިން އުފެދިގެން އަންނަ ވިޔަފާރިތައް ކަމަށްވާއިރު ސަރުކާރުތަކުން ވިޔަފާރި އާއި ގުޅުންހުރި ސިޔާސަތުތަކަށް ބޮޑެތި ބަދަލުތަކެއް ގެންނަން ވާނީ ކުދި އަދި މެދުފަންތީގެ ވިޔަފާރިތަކާއި ބޮޑެތި ވިޔަފާރިތަކަށް ގެއްލުން ނުވާނެ ގޮތަށް ގޮތަށް އަދި އެފަރާތްތަކާއި މަޝްވަރާކޮށްގެން ކަމަށެވެ.

އަދި ސިޔާސީ ގޮތުން ވަގުތީ މެޑެއްޔެއް ޖަހާލަން ސިނާޢަތެއް ފުނޑާލުމަކީ ރައްޔިތުންގެ ފަޅިއަށް އެރުން ނޫން ކަމަށާއި މިކަމުގައި މަޝްވަރާގެ އުސޫލު އިސްކުރުމަށް ވެސް ޝާހިދު ވަނީ ގޮވާލާފައެވެ.

ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ސިޔާސީ ބޭފުޅުން ތާއީދު ކުރެއްވުމަށް، ސަރުކާރުން ދަނީ ގޮވައިލަމުންނެވެ.