ސަރުކާރުގެ މަގްސަދަކީ ”ގެދޮރުވެރިޔާ“ ސްކީމްގެ ދަށުން ފްލެޓަށް އެދި ހުށަހެޅި އެއްވެސް ފަރާތެއްގެ ހައްގު ގެއްލިގެން ނުދާނެކަން ކަށަވަރު ކުރުން ކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.

އެ މިނިސްޓްރީން މިހެން ވިދާޅުވީ، 4000 ފްލެޓް ލިބުނު މީހުންގެ ވަގުތީ ލިސްޓު އާއްމު ކުރުން ލަސްވާ ސަބަބު ބަޔާން ކުރައްވައި، މިއަދު ނެރުއްވި ބަޔާނެއްގައެވެ.

އެ ބަޔާނުގައި ވިދާޅުވީ ”ގެދޮރުވެރިޔާ“ ސްކީމްގެ ދަށުން ފްލެޓު ލިބޭނީ ހައްގުވެރިންނަށްކަން ޔަގީން ކުރަން ސަރުކާރުން ބޭނުންވާ ކަމަށެވެ.

އެ ބަޔާނުގައި ވަނީ، 2022 ވަނަ އަހަރުގެ ޖޫން މަހުގެ 22 ވަނަ ދުވަހު ފަށާފައިވާ ”ގެދޮރުވެރިޔާ“ ސްކީމްގެ ދަށުން މިދިޔަ އަހަރުގެ ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު އިއުލާނު ކުރި ފްލެޓް ލިބޭ މީހުންގެ ދާއިމީ ލިސްޓު އެކުލަވައިލުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ކަންތައްތަކެއް ހުރި ކަމަށް ތުހުމަތުކޮށް، އާއްމު ފަރާތަކުން އެންޓި ކޮރަޕްޝަން ކޮމިޝަން( އޭސީސީ) އަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން، އެ ކޮމިޝަނުން ހައުސިން މިނިސްޓްރީއަށް އެންގި ކަންކަން ބެލުމަށް ރައީސުލްޖުމްހޫރިއްޔާގެ ލަފާފުޅާއެކު އެކުލަވައިލި ހައުސިން އެޑްވައިޒަރީ ކޮމިޓީއާއި، ހައުސިން ކޮންސަލްޓޭޓިވް ކޮމިޓީގެ ލަފާގެ މަތިން އެ ސްކީމްގެ ދަށުން ހުށަހެޅި ހުރިހައި ފޯމުތަކެއް މުރާޖައާ ކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

 

”އަދި ދަންނަވަމެވެ. ކުރިން އާއްމު ކުރެވިފައިވާ ”ގެދޮރުވެރިޔާ“ ސްކީމްގެ އުސޫލުގެ ދަށުން ހުށަހަޅާފައިވާ 20،697 ( ވިހި ހާސް ހަ ސަތޭކަ ނުވަދިހަ ހަތެއް) އެޕްލިކޭޝަން ފޯމު ބެލުމުގައި ކަށަވަރު ކުރަންޖެހޭ ގިނަ ކަންކަން ހުރުމާ ގުޅިގެން، މި މަސައްކަތްތައް ނިންމުމަށް އިތުރު މުއްދަތު ބޭނުންވާތީވެ، މި ސްކީމްގެ ވަގުތީ ލިސްޓާއި ރީ-އިވެލުއޭޝަނާ ގުޅިގެން ކުރިއަށް ގެންދެވުނު މަސައްކަތްތައް މި މަސައްކަތް ނިމުނުހާ އަވަހަކަށް އާއްމު ކުރާނެ ވާހަކަ މަޢުލޫމާތަށްޓަކައި ދެންނެވީމެވެ.“ ބަޔާނުގައިވެއެވެ.

 

ކުރީ ސަރުކާރުގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އިމާރާތް ކުރަން ފެށި 4000 ފްލެޓް ދޫކުރުމާ ގުޅޭ ކަންކަން އޭސީސީން ބަލަން ފެށީ ”ގެދޮރުވެރިޔާ“ ސްކީމްގެ ދާއިމީ ލިސްޓާ މެދު ސުވާލު އުފައްދައި ގިނަ ބަޔަކު އެ ކޮމިޝަނަށް މައްސަލަ ހުށަހެޅުމުންނެވެ.