އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރުގައި ހުޅުމާލެ ހޮސްޕިޓަލަށް އައު 28 އެނދު އިތުރު ކުރާނެ ކަމަށް މާލެ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯ އިބްރާހީމް އަބްދުއްރައްޒާގް ހަލީމް ވިދާޅުވެއްޖެއެވެ.
އައު ހިދުމަތްތަކާއެކުގައި، ހުޅުމާލެ ހޮސްޕިޓަލު ޓާޝަރީ ފެންވަރުގައި މިއަދު ވަނީ ހުޅުވައިފައެވެ. މިކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ހަލީމް ވިދާޅުވީ، އިތުރު ހިދުމަތްތައް ފެށިގެންދާއިރު، ބެޑް ކެޕޭސިޓީގެ މައްސަލަ އަކީ ހުޅުމާލެ ހޮސްޕިޓަލަށް ދިމާވެފައިވާ ބޮޑު ގޮންޖެހުމެއް ކަމުގައެވެ.
”މި ހޮސްޕިޓަލުގެ ގޯތި ތެރޭގައި ބެޑް ކެޕޭސިޓީ އިތުރު ކުރުމަށް، އިތުރު އިމާރާތް އެޅުމަށް އަޅުގަނޑުމެން ޕްލޭންކޮށްފައި ވީނަމަވެސް، މިހާރުން މިހާރަށް މިކަމަށް ހައްލެއް ހޯދުމަށް އަންނަ އަހަރުގެ ފުރަތަމަ ކުއާޓަރު ނިމުމުގެ ކުރީން 28 އެނދު އިތުރު ކުރާނެ ވާހަކަ ވެސް ދަންނަވަން.“ ހަލީމް ވިދާޅުވިއެވެ.
ހަލީމް ވިދާޅުވީ، ޑަޔަލަސިސް ހެދުމަށް ހުޅުމާލެ ހޮސްޕިޓަލުގައި މިހާރު ބޭނުން ކުރަނީ 10 އެނދު ކަމަށާއި، އެޔުނިޓް ބޮޑު ކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފެށިގެންދާނެ ކަމަށެވެ.
އަދި ހުޅުމާލެ ހޮސްޕިޓަލުގެ އީއާރުގައި ހުރި 7 އެނދުން 14 އެނދަށް ބަދަލުކުރުމުގެ މަސައްކަތް މިހަފްތާގެ ތެރޭގައި ފެށޭނެކަން ވެސް އޭނާ ފާހަގަކުރެއްވިއެވެ.

