އިމާމުންނާއި މުދިމުންގެ ސުލޫކީ މިންގަނޑު ބަހައްޓަންވީ ގޮތުގެ އުސޫލެއް ގާއިމުކޮށް އާއްމުކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން އާއްމުކުރި މި އުސޫލަކީ މުޅިން އަލަށް އާއްމުކުރި އުސޫލެއްކަން ފާހަގަކޮށްލެވެއެވެ.
މި އުސޫލުގެ މަގުސަދަކީ މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަކީ އިސްލާމްދީނާއި ދިވެހިރާއްޖޭގެ ގާނޫނު އަސާސީއާއި ގާނޫނުތަކާއި ގަވާއިދުތަކާއި އާއްމު އިޖުތިމާއީ މިންގަނޑުތަކާއި އެއްގޮތަށް އަމަލުކުރާ ބައެއްކަން ކަށަވަރުކުރުމާއި، މިސްކިތްތަކުގެ އިމާމުންނާއި މުދިމުންނަކީ ދީނީ އެއްބައިވަންތަކަމާއި ގައުމީ ވަހްދަތު ދެމެހެއްޓުމަށް މަސައްކަތްކުރާ ބަޔަކަށް ހެދުމާއި، ވަޒީފާގެ ޒިންމާތަކަށް ރައްކާތެރިވުމަށް ބާރުއެޅުމަށާއި ހުރިހާ އިމާމުން އަމަލުކުރާނެ އެއް މިންގަނޑެއް ކަނޑައެޅުމެވެ.
މީގެ އިތުރުން އިމާމުންނާއި މުދިމުންނަކީ ރިވެތި އަހުލާގީ ސިފަތައް ދަމަހައްޓާ ސުލޫކު ރަނގަޅު ނަމޫނާ ބަޔަކަށް ހެދުމާއި އިމާމުންނާއި މުދިމުންނަކީ މުޖުތަމައު ބަލައިގަންނަ އަބުރުވެރި އަދި އާއްމުން އިތުބާރުކުރާ ފަދަ ބަޔަކަށް ހެދުމަކީވެސް މި އުސޫލު ގާއިމްކުރުމުގެ މަގުސަދުތަކުގައި ހިމެނޭ ކަންކަމެވެ.
މި އުސޫލުގައި އިމާމުންނާއި މުދިމުންގެ ވާޖިބާއި މަސްއޫލިއްޔަތު އަދާކުރަންވީ ގޮތާއި، ހެދުން އެޅުމުގައި ބަހައްޓަންވީ އަދި ފަރުވާތެރިވާންވީ ކަންކަމާއި އަމިއްލަ ކަންކަމާއި އުޅުންތައް ބަހައްޓަންވީ ގޮތާއި މިސްކިތުގައި ކުރާ އަޅުކަމާއި ގުޅުންހުރި ކަންކަމުގައި ޢަމަލުކުރަންވީ ގޮތުގެ ތަފްސީލް ވަނީ ހިމަނާފައެވެ.
މީގެ އިތުރުން މިސްކިތުގައި ހިނގާ ނޭދެވޭ ކަންކަން ހުއްޓުވުމާއި ގުޅޭ ގޮތުންނާއި ޤާނޫނާއި ގަވާއިދުތަކަށް ހުރުމަތްތެރިކޮށް ހިތުމާއި، މި އުސޫލަށް ތަބާނުވާނަމަ ފިޔަވަޅު އަޅާނެ ގޮތްތައްވެސް މި އުސޫލުގައި ހިމަނާފައިވާކަން ފާހަގަކޮށްލެވެއެވެ.
މި އުސޫލާއި ގުޅޭ ގޮތުން އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ވިދާޅުވީ، މިއީ އިސްލާމީ ކަންކަމުގެ ނިޒާމް ހަރުދަނާ ކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދެވޭ މަަސައްކަތުގެ ބައެއްކަމަށެވެ.

