ތ. ގުރައިދޫ އެއަރޕޯޓު ތަރައްގީ ކުރުމަށްޓަކައި ބިންހިއްކުމާއި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތް ފެށުމަށް އެއްބަސްވުމުގައި ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި ކޮންސްޓްރަކްޝަން މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓްރީ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރގެ ސްޓޭޓް މިނިސްޓަރު އިބްރާހިމް ތާއާމް މުހައްމަދުއެވެ.

އަދި މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ (އެމްޓީސީސީ) ގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ސީއީއޯ އަދި އެމްޑީ، ޑީސީޕީ (ރިޓަޔަރޑް) އަހުމަދު ސައުދީއެވެ.

މި ރަސްމިއްޔާތުގައި ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުޙައްމަދު ރަޝީދު ވެސް ބައިވެރިވެ ވަޑައިގެންނެވިއެވެ.

މީގެ އިތުރުން މިނިސްޓްރީ އާއި އެމްޓީސީސީގެ އިސް ވެރިން ވެސް މި ރަސްމިއްޔާތުގައި ބައިވެރިވެ ވަޑައިގެންނެވިއެވެ.

ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ވައުދުފުޅާއި އެއްގޮތަށް މިމަޝްރޫއުގެ ދަށުން ގުރައިދޫގައި އެއަރޕޯޓެއް ތަރައްގީ ކުރުމަށް ބޭނުންވާ ބިން ހިއްކުމާއި، އެ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށް ކުރަންޖެހޭ އެންމެހާ މަސައްކަތްތައް ކުރިއަށް ގެންދެވޭނެއެވެ.

މި މަޝްރޫއު ފުރިހަމަވުމުން، އެ ރަށުގެ ދަތުރުފަތުރުގެ ނިޒާމަށް ބޮޑު ކުރިއެރުމެއް ލިބި، ރަށުގެ އިގްތިސާދަށް ވެސް ފައިދާތަކެއް ކުރާނެ ކަމަށް ސަރުކާރުން ވިދާޅުވެއެވެ.