މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީ (އެމްޑީޕީ) އިން ފަސް އަހަރުގެ ވެރިކަން ނިންމައިލައިފައި ދިޔައީ، މުޅި އިގްތިސާދު ފުނޑާލާފައި ކަމަށް އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދު ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މިހެން ވިދާޅުވީ، ރާއްޖޭގައި އެންމެ ފުރަތަމަ ގާއިމު ކުރި ޑިވެލޮޕްމަންޓް ބޭންކު ހުޅުއްވައި ދެއްވުމުގެ ރަސްމިއްޔާތުގައި، ރޭ ވާހަކަ ދައްކަވަމުންނެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި، ކުރީ ސަރުކާރު ނިމުނުއިރު، ރާއްޖޭގެ އިގްތިސާދީ ހާލަތު ވަނީ، ދެން ހަވާލުވާ ވެރިޔަކަށް ރަނގަޅު ނުކުރެވޭނެ ފަދަ ހާލަތަށް ގެންގޮސްފައެވެ.
ރޭގައި ހުޅުވިގެންދިޔަ ޑިވެލޮޕްމެންޓް ބޭންކަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ދުރުވިސްނޭ ސިޔާސަތުގެ ދަށުން އިގްތިސާދު ޑައިވަރސިފައި ކުރުމަށް ކުރެވޭ މުހިންމު މަސައްކަތެއްކަން ވެސް ސައީދު ފާހަގަކުރެއްވިއެވެ.
އެގޮތުން މި ބޭންކަކީ އިންފްރާސްޓްރަކްޗަރ މަޝްރޫޢުތަކަށް ފައިނޭންސް ދިނުމާއި، އަމިއްލަ ވިޔަފާރިތަކަށް އެހީތެރިވުމުގެ އިތުރުން ރާއްޖޭގެ ކުރިއެރުމަށް އަދި ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދިއުމުގައި މުހިންމު ދައުރެއް އަދާކުރާނެ ބޭންކެއްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
އަދި މިއީ ރާއްޖޭގެ އިގްތިސާދުގެ މުހިންމު ތަނބަކަށް ވާނެކަމަށްވެސް ސައީދު ވިދާޅުވިއެވެ.

