ގައުމާއި ރައްޔިތުންގެ ހައްގުގައި، ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު އަޅުއްވަމުން ގެންދަވާ ފިޔަވަޅުތަކަށް ސާބަސް ދަންނަވާ ކަމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް ވިދާޅުވެއްޖެއެވެ.
ވެރިކަން ކުރާ ޕާޓީ، ޕީއެންސީގެ ޗެއާޕާސަންގެ މަގާމުގައި ހުންނެވި އަބްދުއްރަހީމް މިހެން ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
”ދިވެހީންގެރާއްޖޭގެ ވެރިކަމަށް، ޕީއެންސީގެ ސަރުކާރަށް، ރައީސް ޑރ.މުޢިއްޒުގެ ޒައާމަތަށް އެއް އަހަރުފުރޭ މި އުފާވެރި މުނާސަބަތުގައި އެންމެހައި ލޮބުވެތި ދިވެހި ރައްޔިތުންނަށާއި ދިވެހީންގެ ރާއްޖޭގެ ލޮބުވެތި އިއްޒަތްތެރި ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒަށް ނުހަނު އިހްލާސްތެރިކަމާއެކު ތަހުނިޔާ ދަންނަވާ ހެޔޮއެދުންތައް އަރިސްކުރަން.“ އަބްދުއްރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ކުރެއްވި ޕޯސްޓުގައި ވަނީ ރައީސް މުއިއްޒުގެ ޒައާމަތަށް ފަހިކަމާ ފާގަތިކަން މިންވަރު ކުރެއްވުން އެދި ދުއާ ކުރައްވައިފައެވެ.
ރާއްޖޭގެ އިގްތިސާދީ ހާލަތު ރަނގަޅު ކުރުމަށް ސަރުކާރުން އަޅުއްވައިފައިވާ ފިޔަވަޅުތަކުގެ ތެރޭގައި، ސިޔާސީ މަގާމުތައް މަދު ކުރުމާއި، ޓޫރިސްޓު ފެސިލިޓީތަކުން ރާއްޖޭގެ ބޭންކުތަކަށް ޑޮލަރު މާރުކުރަން ޖެހޭގޮތަށް ހެދުމާއި، އެއާޕޯޓު ޑިވެލޮޕްމެންޓް ފީ އާއި ޑިޕާޗަރ ޓެކްސް ބޮޑުކުރުން ފަދަ ކަންކަން ހިމެނެއެވެ.

