މިހާރު ފެނިގެން މިދަނީ މަސްވެރިން އެންމެ ބޮޑަށް ހާލުގައި ޖެހުނު ދުވަސްވަރު ކަމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ރާއްޖެ ޓީވީއަށް ދެއްވި އިންޓަރވިޔުއެއްގައި ރައީީސް ސޯލިހު ވިދާޅުވީ، މި ސަރުކާރުން ވައުދުވީ މަސްވެރީންނަށް 48 ގަޑިއިރުގެ ތެރޭގައި ފައިސާ ދިނުމަށް ކަމަށާއި، އެހެންނަމަވެސް އެކަން އެގޮތަށް ނުކުރެވުނުއިރު، މިއީ ރާއްޖޭގެ ތާރީހުގައި ވެސް މަސްވެރިން އެންމެ ބޮޑަށް ހާލުގައި ޖެހުނު ދުވަސްވަރު ކަމަށެވެ.
”ވީ ވައުދު އެއޮތީ، 20 ރުފިޔާއަށްވުރެ ބޮޑު އަގުގައި މަސް ގަންނާނަމޭ، އަދި 48 ގަޑިއިރުގެ ތެރޭގައި އޭގެ އަގު މަސްވެރިންނަށް ލިބޭނެ ކަމާއި، އަދި ޑޮލަރު މަސްވެރިންނަށް ލިބޭނެ ކަމަށް ބުނެ، އޮތް ވައުދު ނުފުއްދުން.“ ސޯލިހު ވިދާޅުވިއެވެ.
ސޯލިހު އިތުރަށް ވިދާޅުވީ، ސަރުކާރުގެ ސިޔާސަތުތައް ބައްޓަންކޮށްފައި ހުރި ގޮތުން ފެންނަމުންދަނީ ވަރަށް ނާއުއްމީދީ މަންޒަރެއް ކަމަށާއި، ވެފައިވާ ވައުދުތަކާ ހިލާފަށް އަމަލު ކުރަމުންދާ ކަމަށެވެ.
މިހާރު ފެނިގެން މިދަނީ މަސްވެރިން އެންމެ ބޮޑަށް ހާލުގައި ޖެހުނު ދުވަސްވަރު ކަމަށް ރައީީސް ސޯލިހު ވިދާޅުވެފައިވާއިރު، މި ސަރުކާރުން މިހައިތަނަށް ބިލިއަނަކަށްވުރެ ގިނަ ރުފިޔާ މަސްވެރިންނަށް ދޫކޮށްފައިވެއެވެ.
2023 ވަނަ އަހަރުގައި ރިޔާސީ އިންތިހާބު ކައިރިވެފައިވަނިކޮށް، ކުރީ ސަރުކާރުން މަހުގެ އަގަށް ގެނައި ބަދަލާއެކު ކުދި ވިޔަފާރިތަކާއި ސިނާއަތުގައި ހިންގަމުން ދިޔަ އަމިއްލަ ވިޔަފާރިތައް ހުއްޓުމަކަށްއައި ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ފާހަގަކުރައްވައިފައިވެއެވެ.
އެމްޑީޕީގެ ވެރިކަމުގެ ފަހު ދުވަސްވަރު މަހުގެ އަގު 25 ރުފިޔާއަށް ބަދަލު ކުރިނަމަވެސް، މަސްވެރިންނަށް ފައިސާ ދީފައެއް ނުވެއެވެ.

