ހަފްތާ 52 ގެ ކާމިޔާބީ ފާހަގަކުރުމުގެ ގޮތުން ”ބަދަހި އާއިލާ – އުފާވެރި މުޖުތަމައު“ މި ޝިއާރުގެ ދަށުން އިއްޔެ ސޯޝަލް މިނިސްޓްރީން ހާއްސަ އާއިލީ ހަވީރެއް ބާއްވައިފިއެވެ.
އެ މިނިސްޓްރީން މައުލޫމާތު ދިންގޮތުގައި، މި ހަވީރުގެ މަގްސަދަކީ އާއިލީ މާހައުލެއްގައި، އެ މިނިސްޓްރީން ފާއިތުވި އަހަރުގެ ތެރޭގައި ކުރެވުނު މަސައްކަތްތަކުން ހާސިލުކުރެވުނު ކާމިޔާބީތައް ރައްޔިތުންނާ ހިއްސާކުރުމެވެ.
އަދި އަންހެނުންނާއި، ކުޑަކުދިންނާއި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އިސްރަށްވެހިންނަށް އަމާޒުކޮށްކޮށްގެން ކުރިއަށް ގެންދެވުނު މަސައްކަތްތަކާއި، ސޯޝަލް މިނިސްޓްރީން ފޯރުކޮށްދެމުން އަންނަ ހިދުމަތްތަކުގެ މައުލޫމާތު ރައްޔިތުންނަށް ފޯރުކޮށްދިނުން ކަމަށެވެ.
މި ހަރަކާތް ކުރިއަށް ގެންގޮސްފައިވަނީ އިއްޔެ ހަވީރު 16:00 އިން 18:00 އަށް، ހުޅުމާ ލެސެންޓްރަލް ޕާކުގައެވެ.
މި ހަވީރުގައި ތަފާތު ގޭމް ސްޓޯލްތަކާއި، ބައުންސިންގް ކާސަލްއާއި ކާބޯތަކެތީގެ ސްޓޯލްތަކުގެ އިތުރުން، ތަފާތު މެސްކޮޓްތަކުގެ ހަރަކާތްތައް ކުރިއަށް ގެންދިޔައެވެ.

އާއިލީ ހަވީރުގައި ސޯޝަލް މިނިސްޓްރީއާއެކު އިސްކޮށް ހަރަކާތްތެރިވެފައި ވަނީ މިނިސްޓްރީ އޮފް ޓްރާންސްޕޯޓްއެންޑް ސިވިލް އޭވިއޭޝަނާއި ހައުސިންގް ޑިވެލޮޕްމަންޓް ކޯޕަރޭޝަނެވެ.
އޭގެ އިތުރުން، އުރީދޫއާއި، މޯލްޑިވްސް ޕެންޝަން އެޑްމިނިސްޓއްރޭޝަން އޮފީހާއި މޯލްޑިވްސް ޕޮލިސްސަރވިސްއާއި، ނެޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ، އަދި ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީއިންވެސް މި ހަވީރުގައި ބައިވެރިވިއެވެ.

އިއްޔެގެ މި އިވެންޓުގައި ސޯޝަލް މިނިސްޓްރީން ފާއިތުވި އެއް އަހަރުގައި ހާސިލުކުރެވިފައިވާ ކާމިޔާބީތައް ހިމެނޭ ބުކްލެޓް ލޯންޗު ކޮށްފައިވެއެވެ.
މި ބުކްލެޓް ލޯންޗް ކޮށްދެއްވާފައިވަނީ ސޯޝަލް މިނިސްޓަރު ޑރ. އާއިޝަތު ޝިހާމެވެ.

