ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރަށް އަހަރެއް ވީިއިރު، އެމަނިކުފާނުގެ ހާރިޖީ ސިޔާސަތުގެ ސަބަބުން ރާއްޖެއަށް ބޭރު ގައުމުތަކުގެ އިހްތިރާމް ލިބޭ ކަމަށް ނައިބު ރައީސް ހުސެއިން މުހައްމަދު ލަތީފު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ، ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން ީޕީއެސްއެމް އަށް ދެއްވި ބަސްދީގަތުމެއްގައެވެ. މިހައިތަނަށް ގިނަ ގައުމުތަކަށް ދަތުރުފުޅު ކުރެއްވުނުކަން ފާހަގަކުރައްވައި ނައިބު ރައީސް ވިދާޅުވީ، ރާއްޖެ އަކީ އެ ގައުމުތަކުގެ ”ހިތް“ކަމުގައި ސިފަ ކުރާ ކަމަށެވެ.
”މިތަނުގައި އޮތް ހަމަޖެހުމާއި، ދިވެހި ރައްޔިތުންގެ މިޒާޖާއި، އެ ހުންނަ ހުލްގުގެ ރީތިކަމުގެ ވާހަކަ އަޅުގަނޑުމެންނާ ހިއްސާ ކުރައްވަމުންދަނީ.“ ނައިބު ރައީސް ވިދާޅުވިއެވެ.
މީގެއިތުރުން ނައިބު ރައީސް ވިދާޅުވީ، ރައީސް މުއިއްޒުގެ ސަރުކާރުގެ ހާރިޖީ ސިޔާސަތު ބޭރުގެ ގައުމުތަކުން ބަލައިގަންނަ ކަމަށާއި، ރާއްޖެއިން އެދޭ ކޮންމެ ކަމެއްގައި، އެކި ގޮތްގޮތުން، ގައުމުތަކުގެ އެހީތެރިކަން ވެސް ލިބެމުން އަންނަ ކަމުގައެވެ.
އިތުރަށް ވާހަކަފުޅު ދައްކަވަމުން ނައިބު ރައީީސް ވިދާޅުވީ، މިސަރުކާރުން ވެރިކަމާއި ހަވާލުވީއިރު އޮތް އެންމެ ބޮޑު ގޮންޖެހުމަކީ ދައުލަތުގެ ހިންގުމަށް ދަތިވާ މިންވަރަށް ދަރަނި ނަގާފައި ހުރުން ކަމުގައެވެ.
އެހެންނަމަވެސް މިކަމުގައި ސަރުކާރުން ކުރިއެރުންތައް ހޯދާފައިވާކަން ނައިބު ރައީސް ފާހަގަކުރެއްވިއެވެ.
އަދި މިކަމުގައި ސަރުކާރުން މަސައްކަތްކުރަމުންދަނީ ގައުމުތަކާ ގާތްގުޅުމެއް ބާއްވައިގެންކަންވެސް ފާހަގަކުރެއްވިއެވެ.

