ސަރުކާރަށް އަހަރެއް ފުރުނުއިރު، ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ 5000 ބިދޭސީން ފޮނުވައިލައިފިއެވެ.
ކޮންޓްރޯލަރ އޮފް އިމިގްރޭޝަން މުހައްމަދު ޝަމްއާން ވަހީދު މިއަދު ވިދާޅުވީ، 17 ނޮވެމްބަރ 2023 އިން ފެށިގެން ފާއިތުވެދިޔަ 1 އަހަރު ތެރޭގައި ގަވާއިދާ ހިލާފަށް އުޅޭ 5000 ބިދޭސީން ފުރުވާލާ ޓާރގެޓް ވަނީ ހާސިލް ކުރެވިފައި ކަމުގައެވެ.
”މިއީ އިމިގްރޭޝަން ތާރީހުގައި ވެސް ރެކޯރޑް އަދަދެއް. މިކަމުގައި އިމިގްރޭޝަނަށް އެހީތެރިވެދެއްވި އެންމެހާ ފަރާތްތަކަށް ވަރަށް ހާއްސަ ޝުކުރެއް ދަންނަވަން.“ އޭނާ ވިދާޅުވިއެވެ.
ޝަމްއާން ވިދާޅުވީ، މި މަސައްކަތުގައި ހޯމް މިނިސްޓްރީއާއި ފުލުހުންގެ ހިދުމަތުން ދޭ އެހީތެރިކަމަށްޓަކައި ޝުކުރު އަދާ ކުރައްވާ ކަމަށެވެ.
މި ސަރުކާރުން ވަނީ ރާއްޖޭގައި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީން ހޯދުމަށް ވަރަށް ހާއްސަ އޮޕަރޭޝަނެއް ފަށައިފައެވެ.
އިމިގްރޭޝަން ކޮންޓްރޯލަރ ޝަމްއާން މީގެ ކުރިން ވަނީ އިމިގްރޭޝަން ގާނޫނާއި ގަވައިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލައަށް ދާއިމީ ހައްލެއް ހޯއްދަވައިދެއްވާނެ ކަމުގެ ޔަގީންކަން ދެއްވައިފައެވެ.
ބިދޭސީންގެ މައްސަލަ ހައްލު ކުރުމަށް ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާންގެ ބެއްލެވުމުގެ ދަށުން އަދި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއާއި ފުލުހުންނާ ގުޅިގެން އިމިގްރޭޝަނުން ކުރަމުންދާ މަސައްކަތްތަކުގައި ކާމިޔާބު ލިބޭނެ ކަމުގައި ވެސް އޭނާ ވިދާޅުވިއެވެ.

