ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ހަތަރު ވަނަ އިސްލާހު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގު ކުރައްވައިފިއެވެ.

މި ބިލަކީ، 2024 ނޮވެމްބަރ 13 ވީ ބުދަ ދުވަހު ބޭއްވެވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 49 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.

މި ބިލުގެ ދަށުން، ސިޔާސީ ޕާޓީއެއްގެ ގޮތުގައި ސިޔާސީ ޕާޓީގެ ދަފްތަރުގައި ރަޖިސްޓަރީކޮށްފައިވާ ސިޔާސީ ޕާޓީއެއް، ޤާނޫނާ އެއްގޮތްވާ ގޮތުގެމަތިން އުވާލެވޭ ހާލަތެއްގައި، އުވާލާފައިވާ ޕާޓީއަކުން ބޭނުންކޮށްފައިވާ ނަމާއި ނިޝާނާއި ސިއްކައާއި ކުލައާއި އެނޫންވެސް ޕާޓީ ރަމްޒުކޮށްދޭ އެއްޗެހި، އަލަށް އުފައްދަން ހުށަހަޅާ ސިޔާސީ ޕާޓީއަކަށް ބޭނުންކުރެވޭނީ، އެ ސިޔާސީ ޕާޓީއެއް އުވާލާ ތާރީހުން ފެށިގެން 5 (ފަހެއް) އަހަރު ފަހުން ކަމުގައި ބަޔާންކޮށްފައިވެއެވެ.

އަދި ޕާޓީއެއް ރަޖިސްޓްރީ ކުރުމަށް އެދި ހުށަހެޅުމުގައި އަމަލުކުރަންޖެހޭ ގޮތުގެ އުސޫލަށްވެސް ވަނީ ބަދަލުތަކެއް ގެނެސްފައެވެ.

މި އިސްލާހު ދަށުން، ސިޔާސީ ޕާޓީ ހިންގުމަށް ދައުލަތުގެ ބަޖެޓުން ދޭ ފައިސާއަކީ ދައުލަތުގެ އަހަރީ ބަޖެޓުގައި އެ އަހަރަކަށް ލަފާކުރާ އާމްދަނީގެ ސުމެއް ޕޮއިންޓް އެކެއް އިންސައްތައާއި ސުމެއް ޕޮއިންޓް ދޭއް އިންސައްތައާ ދެމެދުގެ އަދަދަކަށް ވާންޖެހޭނެކަމަށް ވަނީ ބަޔާންކޮށްފައެވެ.

ހަމަ މި ބިލުގެ ދަށުން، ޕާޓީއެއްގެ މެންބަރުކަމަށް ގަވާއިދާ ހިލާފަށް މީހެއްގެ ނަން ހުށަހެޅުން ފިޔަވައި، ގާނޫނުގެ އެހެން މާއްދާއަކާ ހިލާފުވާ ފަރާތްތަކަށް އަދަބު ކަނޑައެޅުމުގެ މާއްދާ ވަނީ އިސްލާހުކޮށްފައެވެ.

އެ ގޮތުން، ގާނޫނުގެ އެހެން މާއްދާއަކާ ހިލާފުވާ ފަރާތެއް -/30,000 (ތިރީސްހާސް) ރުފިޔާއާއި -/75,000 (ހަތްދިހަފަސްހާސް) ރުފިޔާއާ ދެމެދުގެ ޢަދަދަކުން ޖޫރިމަނާކުރުމާއެކު، އެ ޢަމަލެއް ހިންގި ފަރާތެއް ނިސްބަތްވާ ޕާޓީއެއް، -/100,000 (އެއްލައްކަ) ރުފިޔާއިން ޖޫރިމަނާކުރުމަށް ވަނީ ކަނޑައަޅާފައެވެ.

މި ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ފާސްވެ، ތަސްދީގުކޮށް، ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިއު ކުރާ ދުވަހުން ފެށިގެންނެވެ.

ސިޔާސީ ޕާޓީގެ ގާނޫނަކީ، ދިވެހިރާއްޖޭގައި ސިޔާސީ ޕާޓީ އުފެއްދުމާއި، ރަޖިސްޓަރީ ކުރުމާއި، ހިންގުމާއި، ޕާޓީގެ މެންބަރުކަމާއި، ޕާޓީގެ ނަމުގައި އިންތިހާބުތަކަށް ކުރިމަތިލުމާއި، ޕާޓީއަށް މުދަލާއި ފައިސާ ހޯދުމާއި، ޕާޓީގެ މުދަލާއި ފައިސާ ބެލެހެއްޓުމާއި، މުދަލާއި ފައިސާއިން މުއާމަލާތު ކުރުމާއި، ޕާޓީ އުވާލުމާ، މިކަންކަމުގެ އުސޫލުތައް ކަނޑައެޅުމާއި، ޕާޓީތަކުން ތަބާވާންޖެހޭ ހަމަތައް ބަޔާންކުރުމުގެ ގާނޫނެވެ.