”ގެދޮރުވެރިޔާ“ ސްކީމްގެ ދަށުން ފްލެޓު ދޫކުރިއިރު، ކުރީ ސަރުކާރުގެ އިސް ވެރިންގެ އާއިލާތަކަށް ފްލެޓު ދީފައި އެބަހުރި ކަމަށާއި، ހަމައެކަނި އައިޑީކާޑު ހުހަށެޅުމުން ވެސް ފްލެޓު ދީފައިވާކަން ފާހަގަކުރައްވައި، ފްލެޓު ލިސްޓާއެކު އެ ހުރިހައި ތަފްސީލެއް ހާމަ ކުރައްވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެއެވެ.
ސަރުކާރަށް އެއް އަހަރު ފުރުމާ ގުޅިގެން، ސޯޝަލް ސެންޓަރުގައި މިރޭ ބޭއްވި ހާއްސަ ޖަލްސާގައި ރައީސް މުއިއްޒު ވިދާޅުވީ، ކުރީ ސަރުކާރުން ދޫކުރި 4000 ފްލެޓުތަކާ ގުޅޭގޮތުން އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އިން ގިނަ ކަންކަން ފާހަގަކޮށްފައިވުމާއެކު، ފްލެޓު ލިސްޓާ ގުޅިގެން ބަލަންޖެހޭ ކަންކަން ވަރަށް ގިނަ ކަމަށެވެ.
އެގޮތުން ބައެއް ކަންކަން ފާހަގަކުރައްވަމުން ރައީީސް ވިދާޅުވީ ކުރީ ސަރުކާރުގެ ގެދޮރުވެރި ކޮމެޓީގައި ހިމެނޭ ފަރާތްތަކަށް ގިނައިން ޕޮއިންޓު ލިބޭ ގޮތް ހަދައިފައިވާކަން ފާހަގަކުރެވުނު ކަމަށެވެ.
މި ސަރުކާރުން ފްލެޓު ލިސްޓު ނެރޭއިރު، ކޮންމެ މީހެއްގެ ނަން ކައިރީގައި އޭގެ ތަފްސީލު ހިމަނުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މި ސަރުކާރުން ނެރޭ ލިސްޓަކީ ދެ ފުށް ފެންނަ ލިސްޓަކަށް ވާނެކަމުގެ ޔަގީންކަން ވެސް ރައީީސް މުއިއްޒު ދެއްވިއެވެ.
ަރައީީސް ވަނީ އެމްޑީޕީގެ ސަރުކާރުގެ ނުފޫޒު ގަދަ މީހުންގެ އާއިލާތަކަށް ވެސް، އުސޫލާ ހިލާފަށް ފްލެޓު ދިންކަން ފާހަގަކުރައްވައިފައެވެ.
”އުސޫލާ ހިލާފަށް، ބައެއް އާއިލާތަކުގެ ނުފޫޒުގަދަ މީހުންނަށް، އެއް އާއިލާއެއްގެ ގިނަ މެމްބަރުންނަށް ފްލެޓުތައް ބަހާފައި އެބަހުރި.“ ރައީީސް ވިދާޅުވިއެވެ.
ޕޯޓަލްއަށް ހުށަހެޅި ލިޔުންތަކުގެ އިތުރުން، ބައެއް ފަރާތްތަކުގެ ލިޔުންތައް ބަލައިގަނެގެން ވެސް ފްލެޓު ދީފައިވާކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
”ހަމައެކަނި އައިޑީކާޑު، ފޯމެއް ވެސް ނުލާ، ހަމައެކަނި އައިޑީކާޑު ހުށަހަޅައިގެން ވެސް ފްލެޓު ދީފައި އެބަހުރި. އަދި އައިޑީކާޑުގެ އެއްފަޅި. ދެން އެބޭފުޅުން ކޮން ވާހަކައެއްތޯ މި ދައްކަނީ؟“ ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ވެސް، އުސޫލާ ހިލާފަށް ފްލެޓު ދިނުމަށްޓަކައި ޕޯޓަލްގެ ބެކްއެންޑުން މާާކްޝީޓު ބަދަލުކޮށްފައިވެސްވާ ކަމަށާއި، ލިސްޓު ނެރުން ލަސްވަނީ އެހެންވެ ކަމަށް ރައީީސް ވިދާޅުވިއެވެ. ރައީީސް ވިދާޅުވީ މިކަންކަން ބެލުމަށްފަހުގައި، އެއްވެސް ނުފޫޒެއް ނެތި، ފްލެޓު ލިސްޓު މި ސަރުކާރުން ވަރަށް އިންސާފުވެރިކަމާއެކު އާއްމު ކުރައްވާނެ ކަމަށެވެ.
”އަޅުގަނޑު މި ހުރީ މާާތް ﷲ ގަންދީއޭ ހުވާކޮށްގެން، ﷲ ހުރިހާ ކަމެއް ދެނެވޮޑިގެންވޭ.“ ރައީސް އިތުރަށް ޔަގީންކަން ދެއްވިއެވެ.
ރައީީސް ވަނީ އެމަނިކުފާނު ހުރިހައި ކަމެއް ވެސް ކުރައްވާނީ އިހުލާސްތެރިކަމާއި ތެދުވެރިކަމާއިއެކުގައި ކަމަށެވެ.

