އެކި ވައްތަރުގެ ޗޮކްލެޓާއި މެޓާ، އަދި ބިސްކޯދެވެ. މިއީ އަހަރުމެންނަށް ދަރިންނަށް ނިކަން ފަސޭހައިން ދެވޭ އެއްޗިއްސެވެ. ލޯބިން މިފަދަ ތަކެތި ދިނުމުން، އެ ތުއްތު މޫނުތަކަށް އެ އަންނަ އުފާވެރިކަން ދެކޭހިތް ވަނީއެވެ. ނަމަވެސް މި ކުރެވެނީ އެހައި ރަނގަޅު ކަމެއް ހެއްޔެވެ؟

އިންސާނެއްގެ ހަށިގަނޑު ވަރަކަށް، އެމީހަކަށް ހަކުރު ބޭނުންވާ މިންވަރު ވެސް ވާނީ މަދެވެ. އެކަމަކު އަހަރުމެންނަށް ވާގޮތަކީ، ކުއްޖަކު ކުޑަވި ވަރަކަށް އެ ކުއްޖަކަށް އަދި ގިނައިން ފޮނި ކާތަކެތި ދެވެނީއެވެ.

އެމެރިކަން ހާޓް އެސޯސިއޭޝަނުގެ ޑޮކްޓަރަކު ވިދާޅުވެފައިވާ ގޮތުގައި، ތުއްތު ކުއްޖެއްގެ އުމުރުން ދެ އަހަރު ނުފުރޭނަމަ، އެންމެ ރަނގަޅީ އެ ކުއްޖަކަށް ”ހަކުރު“ ހިމެނޭ ކެއުން ނުދިނުމެވެ.

ކުޑައިރު ގިނަ ކެއުންތަކުގައި ހަކުރު ހިމެނުމުން، އެކުދިން އެ ކެއުމަށް ދެވި ހިފާ ގޮތްވެއެވެ. މިހެން ވެއްޖެނަމަ، ތަފާތު އެތައް ސިއްހީ މައްސަލައެއް ދަރިންނަށް ދިމާވުމުގެ ފުރުސަތު އޮންނާނެއެވެ.

އެގޮތުން ކުއްޖާގެ އުނގެނުމަށް ހުރަސް އެޅުމާއި، ސިއްހަތަށް ފައިދާ ހުރި ކާނާ ކާހިތްނުވުމާއި، މާބޮޑަށް ފަލަވުމާއި، ދަތްފަނި ކެއުމާއި، ކޮލެސްޓްރޯލް މަތިވެ، ހިތުގެ މައްސަލަތައް ޖެހުން އިތުރުވާގޮތްވެއެވެ.

އެހެންވެ، ތުއްތު ކުދިންނަށް މާގިނައިން ފޮނި ކާތަކެތި ދިނުމަކީ، އެ ކުދިން އުމުރުގެ ފަހުކޮޅުގައި، ހަކުރު ބައްޔާއި، ލޭގެ ޕްރެޝަރު މަތިވުން ފަދަ ކަންކަމަށް ހުށަހެޅެން މަގުފަހި ކުރާ ކަމެއްކަން ހަނދާނުގައި ބަހެއްޓުން މުހިންމެވެ. އަދި މިއީ މާބޮޑަށް ފަލަވުމާއެކު ހައިޕާ އެކްޓިވް ވުމަށް ވެސް މެދުވެރި ކުރުވާ ކަމެކެވެ.

ކުޑަކުދިންނަށް އެއްވެސް ވަރަކަށް ފޮނި ކާއެއްޗެއް ނުދީ ނުހުރެވޭނަމަ، އެއީ ވަކި ހާއްސަ ދުވަސްތަކެއް ކުރާ ކަމަކަށް ހަދާށެވެ. އޭރުންވެސް އެތަކެތި މަދުން ކެއުމަށް އެ ކުދިން ވެސް ހޭނޭނެއެވެ.