އަންނަ އަހަރަށް ލަފާކޮށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި 56.6 ބިލިއަން ރުފިޔާގެ ބަޖެޓުން، ރާއްޖޭގެ އިގްތިސާދު ހަމައަކަށް އެޅިދާނެ ކަމުގެ އުއްމީދު ލިބޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ބަޖެޓު ބަހުސްގައި ނާޒިމް ވިދާޅުވީ ވެރިކަން ކުރާ ޕީއެންސީ އަށް ރައްޔިތުންގެ މަޖިލީހުގެ ސުޕަރ މެޖޯރިޓީ ލިބުނުތާ މާގިނަ ދުވަސްތަކެއް ނުވެ، އިސްލާހީ ގިނަ މަސައްކަތްތަކެއް ފެށިފައިވާ ކަމުގައެވެ.
އެގޮތުން ޑޮލަރުގެ މައްސަލަ ހައްލު ކުރުމަށް ކުރެވުނު މަސައްކަތްތައް ފާހަގަކުރެއްވޭ ކަމަށް އޭނާ ވިދާޅުވިއެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ(އެމްއެމްއޭ)ގެ ގަވަރުނަރު މިކަމާ ގުޅޭ މައުލޫމާތު ދެއްވުމަށް ޕީއެންސީގެ މެމްބަރުންނާ ބައްދަލުކުރެއްވި ކަމަށެވެ. އަދި ކުރީގެ ގަވަރުނަރުންގެ މަސައްކަތްތައް ބެއްލެވިއިރު، ޑޮލަރުގެ މައްސަލަތައް ހައްލު ކުރުމަށް ކޮންމެ ގަވަރުނަރަކު ވެސް މަސައްކަތް ކުރައްވާތާ 20 އަހަރުވެފައިވާކަން ފާހަގަކުރެއްވި ކަމަށް ނާޒިމް ވިދާޅުވިއެވެ.
”(ގަވަރުނަރު ވިދާޅުވީ) އެކަމަކު މިކަން ވާނެ އެއްވެސް މަގެއް، މަޓީއަކުން، އަދި އިންޑަސްޓްރީގެ އެހެން މީހަކު ވެސް ނުދެއްކިއޭ. އެހެންވީމަ، ކޮންމެވެސް ހިސާބަކުން، ކޮންމެވެސް މީހަކު، ކޮންމެވެސް ކަމެއް އެބަ ކުރަންޖެހެއޭ. އެކަން ނުކޮށް ހުންނަ ކަމަށް ވަންޏާ، އަނެއް 20 އަހަރު ވެސް ތިމަންނަ ވެސް، ބަލަން ހުންނަންވީހޭ.“ ނާޒިމް ވިދާޅުވިއެވެ.
ނާޒިމް ވިދާޅުވީ، ޓޫރިޒަމް ވިޔަފާރިތަކުން ޑޮލަރު މާރުކުރަން މަޖުބޫރުކުރަން ނިންމި ނިންމުން މަތީ ދެމިތިބެގެން، މިކަން އިސްލާހު ކުރަން މަސައްކަތް ކުރެވިއްޖެނަމަ، އިގްތިސާދީ ހާލަތު ދާނީ ރަނގަޅު ވަމުން ކަމަށެވެ.
މީގެއިތުރުން ބޭނުންވާ ގޮތަށް މަޝްރޫއުތައް ނިންމުމަށް ދަތިކަން ހުރި މިންވަރުގެ މައްޗަށް އަލިއަޅުއްވައިލައްވައި ނާޒިމް ވިދާޅުވީ ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑިސީ) އިން އަޅާ 4000 ފްލެޓުގެ މަސައްކަތް މުޅިން ނިންމުމަށް އިތުރު 30 މިލިއަން ޑޮލަރު ބޭނުންވާ ކަމަށެވެ.
އެގޮތުން މިހާރު ކޮންޓްރެކްޓު ކުރެވިފައިވާ ފަރާތްތަކަށް ފްލެޓުތަކުގެ ކަރަންޓާއި، ފެން ގުޅުމާއި، ސެކިއުރިޓީއަށް ބޭނުންވާ ފައިސާ ވެސް ހިމަނާފައިނުވާ ކަމަށް ވިދާޅުވިއެވެ.
”އެހެންވީމަ، އެތަނަށް މީހުން ވައްދަނީ ކިހިނެއްތޯ؟ ސަރުކާރަށް މިހާރު ވެސް އެތަނަށް ވަންނާނެ މީހުން ނިންމިދާނެ، އެހެންނަމަވެސް އެތަނަށް ވަދެވޭނެ ގޮތެއް އަދިވެސް ނެތޭ. އެ ފައިނޭސް ހަމައެއް ނުޖެހެއޭ.“ ނާޒިމް ވިދާޅުވިއެވެ.

