ރާއްޖޭގައި ވެރިކަން ކުރާ ޕާޓީ، ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އެތެރޭގެ އިންތިހާބު ކާމިޔާބުކުރެއްވި ފަރާތްތަކަށް ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުހައްމަދު މުޢިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މަރުހަބާ ވިދާޅުވީ، މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.

ރައީސް މުއިއްޒުގެ ޕޯސްޓުގައިވަނީ ޕީއެންސީގެ އެތެރޭގެ އިންތިހާބު ކާމިޔާބުކުރެއްވި އެންމެހާ ފަރާތްތަކަށް މަރުހަބާ ދަންނަވާ ކަމުގައެވެ.

އަދި މި އިންތިހާބުގައި އެކި މަގާމުތަކަށް ވާދަކުރެއްވި ކެންޑިޑޭޓުންނާއި، އިންތިހާބުގެ އިންތިޒާމްތަކުގައި އުޅުއްވި ހުރިހާ ބޭފުޅުންނަށްވެސް އެމަނިކުފާނު ޝުކުރުއަދާކުރެއްވިއެވެ.

މީގެ އިތުރުން އިންތިހާބުގައި ވޯޓުލީ ހުރިހާ މެމްބަރުންނަށްވެސް ރައީސް ޝުކުރު އަދާކުރައްވާފައިވެއެވެ.

ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ޖުމްލަ 143 ފޮށި ވަނީ ބަހައްޓާފައެވެ. މީގެތެރެއިން 53 ފޮށި ބަހައްޓާފައިވަނީ މާލޭގައެވެ.

667 ކެންޑިޑޭޓުން ވާދަކުރެއްވި މި އިންތިހާބުގައި މާލެ ހިމެނޭހެން 90 ރަށެއްގައި ވޯޓުލުމުގެ ކަންކަން ވަނީ ކުރިއަށް ގެންގޮސްފައެވެ.

ޕީއެންސީގެ އެތެރޭގެ އިންތިހާބުގައި ވޯޓުލުމުގެ ހައްގު 34904 ފަރާތަކަށް ލިބިފައިވެއެވެ.