ބޮޓްސްވާނާ އިންޓަނޭޝަނަލް ސީރީޒް ބެޑްމިންޓަން މުބާރާތާއި ޒެމްބިއާ އިންޓަނޭޝަނަލް ބެޑްމިންޓަން މުބާރާތުގައި ވާދަކުރި ދިވެހި ކުޅުންތެރިން ހޯދި ކާމިޔާބީއަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މަރުހަބާ ވިދާޅުވެއްޖެއެވެ.
އެ ކުޅުންތެރިންނަށް މަރުހަބާ ވިދާޅުވެ ރައީސް ޑރ.މުހައްމަދު މުއިއްޒު މީސްމީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވަނީ ބެޑްމިންޓަން ވޯލްޑް ފެޑެރޭޝަންގެ މުބާރާތެއްގައި ވާދަކޮށް ދިވެހި ކުޅުންތެރިން ހޯދި ކާމިޔާބީއަކީ ތާރީހީ ކާމިޔާބީއެއްކަން ފާހަގަކުރައްވައިފައެވެ.
އެކަމަށްޓަކައި ފަހުރުވެރިވެވަޑައިގަންނަވާކަމަށް ވިދާޅުވެ، ރައީސް ވަނީ ކުޅުންތެރިންނަށް ސާބަސް ދެއްވާފައެވެ.
އަދި މި ޝަރަފުވެރި ކާމިޔާބީ ރާއްޖެއަށް ހޯދަައިދިން ހުނަރުވެރި ކުޅުންތެރިންނާއި މުޅި ޓީމަށް ތަހުނިޔާ ދަންނަވާކަމަށްވެސް ރައީސްގެ ޕޯސްޓުގައިވެއެވެ.
ބޮޓްސްވާނާ އިންޓަރނޭޝަނަލް ސީރީޒް ބެޑްމިންޓަން މުބާރާތުގައި އަންހެން ސިންގަލްސްގެ ފައިނަލްގައި ބައްދަލުކުރީ ރާއްޖޭގެ ދެ ކުޅުންތެރިންނެވެ. މި ކެޓަގަރީގެ ޗެމްޕިއަންކަން ފާތިމަތު ނަބާހާ އަބްދުއްރައްޒާގް ހޯދިއިރު ރަނަރަޕްކަން ލިބުނީ އާމިނަތު ނަބީހާ އަބްދުއްރައްޒާގަށެވެ.

